ރާއްޖޭގައި އާންމުކޮށް ނަންރީތި މަލުގެ ނަމުން މަޝްހޫރު "ބަޓަފްލައި ޕީ" ގަހުގެ އާ ވައްތަރެއް ރޫމޭނިއާގެ ބުޒާއޫގައި ހުންނަ ވެޖިޓަބަލް ރިސާޗް އެންޑް ޑިވެލޮޕްމަންޓް ސްޓޭޝަން (ބީއާރުޖީވީ) އިން ތަރައްގީކޮށްފައިވާއިރު، 2026 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަނުން ވަނީ މި މާ "ނޮވެލް ފުޑް" ނުވަތަ އާ ބާވަތެއްގެ ކާނާގެ ގޮތުގައި ކަނޑައަޅައިފައެވެ. އީކުއޭޓަރު ސަރަހައްދުގެ ގައުމުތަކަށް ނިސްބަތްވާ މި ގަހަކީ ގޯތިތެރޭގައާއި ހާމަ ދަނޑުބިންތަކުގައިވެސް ފަސޭހައިން ހެއްދޭ، ގަދަ ނޫކުލައިގެ މާ އަޅާ ވެލެކެވެ.


ބީއާރުޖީވީ ބުޒާއޫގެ ޑިރެކްޓަރު ކޮސްޓެލް ވިނަޓޯރޫ ރޫމޭނިއާގެ ގައުމީ ނޫސް އެޖެންސީ ކަމަށްވާ އެޖަރޕްރެސް އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، މި ގަހުގެ އެންމެ އަގުހުރި ބަޔަކީ އޭގެ ނޫކުލައިގެ މަލެވެ. އާޓިފިޝަލް ކުލަތަކުގެ ބަދަލުގައި ގުދުރަތީ ކުލައެއްގެ ގޮތުގައި ކާބޯތަކެއްޗާއި ބުއިންތަކުގައި މި މާ ބޭނުންކުރެވޭއިރު، ބޭނުންކުރާ ދިޔައެއްގެ އެސިޑިޓީ ނުވަތަ ޕީއެޗް މިންވަރަށް އަންނަ ބަދަލާއެކު މި މަލުން ނުކުންނަ ކުލަ ނޫކުލައިން ދަނބުކުލައަށް އަދި ފިޔާތޮށި ކުލައަށް ބަދަލުވެއެވެ.


ކާބޯތަކެއްޗާއި ފޭރާމުގައި ކުލަ ޖެއްސުމުގެ އިތުރުން، މި ގަހަކީ ތިމާވެއްޓަށާއި ދަނޑުވެރިކަމަށްވެސް ނުހަނު ފައިދާހުރި ގަހެއްކަން ދިރާސާތަކުން ދައްކައެވެ. ކޮސްޓެލް ވިނަޓޯރޫ ފާހަގަކުރި ގޮތުގައި، މި ގަހުގެ މޫތަކުގައި އުފެދޭ ބެކްޓީރިއާގެ އެހީގައި ޖައްވުގައި ހުންނަ ނައިޓްރޯޖަން ދަމައިގަނެ، ފަސްގަނޑަށް ނައިޓްރޯޖަން އިތުރުކޮށްދީގެން ހަލާކުވެފައިވާ ބިންތަކުގެ ދަނޑުވެރިކަމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ. އަދި ޒީނަތްތެރިކަމަށްޓަކައި ފާރުތަކާއި ފެންސްތަކުގައިވެސް ހައްދާ މި ގަހުގެ އެއްގޮތް ސިފަތަކެއް ހިމެނޭ ވައްތަރެއް ތަރައްގީކޮށް، ރަސްމީކޮށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމަށް އެ އިދާރާއިން މިހާރު ވަނީ ނިންމައިފައެވެ.


އޭޝިއާގެ ގައުމުތަކުގައި މި މަލުން ސައި ތައްޔާރުކޮށްގެން ބޭނުންކުރި ނަމަވެސް، ޔޫރަޕުގެ ގައުމުތަކުގައި މި މާ "ނޮވެލް ފުޑް" ގެ ގޮތުގައި ކަނޑައެޅުމާއެކު ކާބޯތަކެތީގެ ގޮތުގައި ވިއްކުމުގައި ހަރުކަށި ގަވާއިދުތަކެއް ވަނީ ހިނގަން ފަށައިފައެވެ. ބަޓަފްލައި ޕީ އަކީ ނޫކުލައިގެ މާ އަޅާ ހޫނު ސަރަހައްދުތަކުގެ ވެލެކެވެ. ވަކި މުއްދަތަކަށް މި މާ ހިއްކައިގެން ސައި ތައްޔާރުކުރެވުނު ނަމަވެސް، 2026 ވަނަ އަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހު ޔޫރަޕިއަން ކޮމިޝަނުން ވަނީ ހިއްކި މާ ނޮވެލް ފުޑެއްގެ ގޮތުގައި ހުއްދަ ދިނުމުގެ މަރުހަލާ ނިންމާލައިފައެވެ.


ޔޫރަޕިއަން ޔޫނިއަންގެ ގަވާއިދުތައް ބުނާ ގޮތުން 1997 ވަނަ އަހަރުގެ ކުރިން ޔޫރަޕުގައި އާންމުކޮށް ކައިއުޅުނު ކަމުގެ ހެކި ނެތް ކޮންމެ ބާވަތެއް ހިމެނެނީ ނޮވެލް ފުޑް ލިސްޓުގައެވެ. އެހެންކަމުން ހުއްދަ ނެތި ފުޑް ސަޕްލިމެންޓެއްގެ ގޮތުގައި ނުވަތަ ސައިގެ ގޮތުގައި ވިއްކުން މަނާ ނަމަވެސް، މޫނުގެ ހަންގަނޑަށް ފަރުވާދޭ ކޮސްމެޓިކް އުފެއްދުންތަކުގައި މި މާ ބޭނުންކުރުމުގެ ހުއްދަ އޮންނަ ކަމަށާއި، ބޭސްވެރިކަމުގެ ގަސްގަހާގެހި ބޭނުންކުރާއިރު އުފެއްދުންތެރިޔާ ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ބޭނުންނުކުރުމަށް ސަމާލުވާންޖެހޭ ކަމަށް ޕްލާންޓާ ރޯމޭނިކާ އެމްޕްލޯޔާސް އެސޯސިއޭޝަންގެ ރައީސް އަންކާ ޑެނިއެލާ ރައިސިއޫ ބުންޏެވެ.