އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ބުރުގާ ނަގައި، ބަރަހަނާ ފޮޓޯތަކެއް ހެދި މައްސަލައިގައި، "މުސްލިމް ގާލް" ގެ ބާނީ އަމާނީ އަލް ހަތާތުބާ، އީލޮން މަސްކުގެ އޭއައި ކުންފުނި އެކްސްއޭއައި އާއި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްއާ ދެކޮޅަށް ދައުވާކޮށްފިއެވެ. އެމެރިކާގެ ކެލިފޯނިއާގެ ނޮދަން ޑިސްޓްރިކްޓްގެ ފެޑެރަލް ކޯޓަށް ބުދަ ދުވަހު ހުށަހެޅި މި ދައުވާގައި ވަނީ، އެކްސްގެ "ގްރޮކް" އޭއައި ޗެޓްބޮޓް މެދުވެރިކޮށް އަމާނީގެ ރުހުމާ ނުލައި އޭނާގެ ބުރުގާ ނަގައި، ބަރަހަނާ ފޮޓޯތަކެއް އުފައްދައި އާންމުކޮށްފައިވާ ކަމަށް ބުނެފައެވެ. މިއީ އޭއައި ބޭނުންކޮށްގެން އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި، މުސްލިމުންނާ ދެކޮޅު ނަފުރަތު އަދި ދީނީ މިނިވަންކަމަށް އަރައިގަތުމާ ދެކޮޅަށް ހުށަހެޅި ތާރީހީ ދައުވާއެކެވެ.

މި ހާދިސާ ފެށިފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު، ނިއުޔޯކް ސިޓީގެ ފުރަތަމަ މުސްލިމް މޭޔަރު ޒޮހްރާން މަމްދާނީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި އަމާނީ ބައިވެރިވެ، ކަޅު ބުރުގާއަކާއި ދަނބު ކުލައިގެ ކޯޓެއް ލައިގެން ނަގާފައިވާ ސެލްފީ ފޮޓޯއެއް އެކްސްގައި ހިއްސާކުރުމުންނެވެ. ޖެހިގެން އައި ދުވަހު އެކްސްގެ ބައެއް ބޭނުންކުރާ ފަރާތްތަކުން ވަނީ އެ ޕޯސްޓަށް ރިޕްލައިކޮށް، ގްރޮކް ޓެގް ކުރުމަށްފަހު އަމާނީގެ ބުރުގާއާއި ކޯޓު ނަގައި، ނިވާކަން ކުޑަ ހެދުންތަކުގައި އޭނާ ފެންނަ ގޮތަށް ފޮޓޯ ހެދުމަށް އޭއައިއަށް އަމުރުކޮށްފައެވެ. އަދި ގްރޮކް އިން ވަނީ އެ ފޭކު ފޮޓޯތައް އުފައްދައި، އޭނާގެ ނިތްކުރީގައި މުސްލިމުންނަށް ފުރައްސާރަކުރާ އިބާރާތްތައް ލިޔެގެން އާންމުކޮށްފައެވެ.

އެ ފޮޓޯތައް އެތައް ހާސް ބަޔަކަށް ފެންނާނެހެން އާންމުވުމާ ގުޅިގެން، އަމާނީ ވަނީ ހަމަ އެ ދުވަހު އެކްސްއަށް އެ މައްސަލަ ރިޕޯޓުކޮށް، ޖެނުއަރީ ތިންވަނަ ދުވަހު ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅާފައެވެ. ނަމަވެސް އެކްސްއިން ކަންކުރި ގޮތަކީ، ހަމައެކަނި އަމާނީގެ އެކައުންޓަށް އެ ފޮޓޯތައް ނުފެންނާނެހެން ފޮރުވުމަށްފަހު، އެހެން އެންމެންނަށް ފެންނާނެހެން އެ ފޮޓޯތައް ބެހެއްޓުން ކަމަށް ދައުވާގައިވެއެވެ. މީގެ އިތުރުން، އަންހެނުންނާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އޭއައިއިން ހަދާތީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުން އަމާޒުވުމުން ވެސް، އެ ހިދުމަތް ހުއްޓުވުމުގެ ބަދަލުގައި އެކްސްއޭއައިއިން ވަނީ ފައިސާ ދައްކާ ސަބްސްކްރިޕްޝަން ޓިއާއެއްގެ ދަށަށް އެ ފީޗާ ބަދަލުކޮށް އޭގެން ނަފާ ހޯދަން މަސައްކަތްކޮށްފައެވެ. ކެލިފޯނިއާގެ ގާނޫނުތަކުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ފަންސާސް ހާސް ޑޮލަރާ ހަމައަށް ނަގައިދިނުމަށް މި ދައުވާގައި ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅޭގޮތުން އަމާނީ ބުނީ، ދުނިޔޭގެ އެންމެ ބާރުގަދަ އެއް ޓެކްނޮލޮޖީ ކުންފުނި ޖަވާބުދާރީ ކުރުވުމުގެ ގާބިލުކަމާއި ވަސީލަތްތައް އޭނާގެ އަތުގައި ހުރި ނަމަ، އެކަން ކުރުމަކީ އޭނާގެ މައްޗަށް އޮތް އަހުލާގީ ވާޖިބެއް ކަމަށެވެ.

"އޮންލައިންކޮށް އުޅުމުގެ އަގެއްގެ ގޮތުގައި، އެއްވެސް އަންހެނަކު އޭނާގެ ހަށިގަނޑުގެ މިނިވަންކަމާއި އިހުތިޔާރު ދޫކޮށްލާކަށް ނުޖެހޭނެ،" އަމާނީ ބުންޏެވެ.

އަމާނީގެ ދައުވާގައި ފާހަގަކޮށްފައިވާ ގޮތުގައި، އެތައް ހާސް ބައެއްގެ ކުރިމަތީގައި އޭއައި މެދުވެރިކޮށް އޭނާގެ ބުރުގާ ނެގުމަކީ، އާންމުންގެ ތެރޭގައި ގަދަކަމުން އޭނާގެ ބުރުގާ ދަމައިގަތުން ފަދަ ބޮޑު އިހާނެތި އަމަލެކެވެ. ގްރޮކް އޭއައި މެދުވެރިކޮށް ބަރަހަނާ ފޮޓޯ އުފައްދާ މައްސަލައިގައި މީގެ ކުރިން ވެސް އެކްސްއޭއައިއާ ދެކޮޅަށް ބައެއް ދައުވާތައް އުފުލާފައިވީ ނަމަވެސް، އަމާނީގެ މި ދައުވާއަކީ އޭއައިއިން އުފައްދާ މިފަދަ ފޮޓޯތަކަކީ ދީނީ މިނިވަންކަމާއި މުސްލިމް އަންހެނުންގެ ކަރާމާތަށް އަރައިގަތުމެއްގެ ގޮތުގައި ސީދާ ގާނޫނީ ގޮތުން ގޮންޖަހާ ފުރަތަމަ މައްސަލައެވެ.