އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު، އެއްވެސް ބަދަލެއް ނުގެނެސް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ބަޖެޓު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ގޮތަށް ބަޖެޓު ފާސްކުރަން ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް އެވެ. އެ ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދުކުރެއްވި އިރު، ކޮމިޓީން ބަޖެޓު ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
ކޮމިޓީ މަރުހަލާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަވެފައިވަނީ، އެދުނު މިންވަރަށް ވުރެ ކުޑަ ބަޖެޓެއް ދީފައިވާ ކަމަށް ބުނެ މިނިވަން މުއައްސަސާތަކުން ހުށަހެޅި ޝަކުވާތަކެވެ.
މި ޝަކުވާތަކާ ގުޅިގެން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވީ މަޖިލީހަށް ފޮނުވި ބަޖެޓުގައި މިނިވަން މުއައްސަސާތަކަށް ކަނޑައަޅައިދިން މިންވަރުން ފުދޭނެ ކަމަށެވެ. އަދި އިތުރު ހަރަދެއް ކުރަން ޖެހިއްޖެ ހާލަތެއްގައި ކޮންޓިންޖެންސީ ބަޖެޓުން އެކަންކަން ހަމަޖެއްސޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓުގެ ޖުމްލަ ހަރަދަކީ 52.6 ބިލިއަން ރުފިޔާ ކަމަށް ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ހިންގުމުގެ ހަރަދެވެ. ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެކެވެ.
