ހުސް ގޮހޮރާ ހުރެ ކާން ޖެހޭ ކާނާތަކުގެ ލިސްޓު އެހާދިގެވެ. ހުސްގޮހޮރާ ހުރެ ބޯންޖެހޭ ބުއިންތައްވެސް އެހާގިނައެވެ. މިއީ ސިއްހީ ކޮންމެވެސް ފައިދާއެއް އޭގައި އެކުލެވޭތީ، ކާ ނުވަތަ ބޯ އެއްޗެއްސެވެ. މިއީ ކޮންމެވެސް ހަބަރަކުން ފެނުނު ލިޔުމެއްގައި އޮތް އެއްޗެކެވެ.

އާދޭހެވެ! ދެންވެސް މި ދަންނަވާލަނީ މިފަދަ ބުއިމެއްގެ ވާހަކައެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކު މި ބުއިން ބުއިމަކަށް ނުދަންނަވާނަމެވެ. އެހެނަސް މީގައި އެކުލެވޭ ސިއްހީ ފައިދާތަކަށް އަލި އަޅުވާލާނަމެވެ. އާދެ، އިނގުރު ފެނެވެ. ތާފަނާ ފެނަށް އިނގުރު ގާނާލުމަށްފަހު ތައްޔާރުކުރެވޭ އާދައިގެ ބުއިމެއްގެ ވާހަކައެވެ.

ހުސްގޮހޮރާއި ހުރެ އިނގުރުފެންފޮދެއް ބޯނަމަ ވައިގެ އުނދަގޫ ކުޑަކޮށްދެއެވެ. އެހެނީ ކާއެއްޗެހި ހަޖަމު ނުވެ މައިދާގައި ހުންނަ ވަގުތު އެ ތަކެތިން އުފެދިފައި ހުންނަ ވައިތައް ބޭރުކުރުމާއި އަދި ކާއެއްޗެއް ކެއުމުން ވައި އުފެދޭ މިންވަރު ކުޑަކޮށްދިނުމަށް އިނގުރުގައި ހުންނަ މާއްދާތައް އެހީވެދެއެވެ.

އިނގުރުގައި ހުންނަ ޖިންޖަރޯލް އަދި ޝޮގޯލްސް ނަމަކަށް ކިޔާ ދެމާއްދާއަކީ ހަށިގަނޑުގެ މެޓަބޯލިޒަމްސް ރޭޓު މަތިކޮށްދެއެވެ. މި ނިޒާމުގެ ހަރަކާތްތެރިކަން އިތުރުވާނަމަ އެއީ ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވައިދިނުމަށް އެހީވެދެއެވެ. މިއީ ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިކޮށްދޭނޭ ކަމެކެވެ.

އޯކާއްދެވުމާއި ހޮޑުލެވުން ފަދަ ކަންކަމުން ދުރުކޮށްދޭ އެންޓިހިސްޓަމައިން ނަމަކަށް ކިޔާ މާއްދާ އިނގުރުގައި ހުރެއެވެ. އެހެންކަމުން މި ބުއިން ހުސްގޮހޮރާ ބޯލުމުން އޭގެ ފައިދާ ހަށިގަނޑަށް ކުރެއެވެ.

މަސްތަކަށް ވާންވުމާއި މަސްގަނޑުގައި ރިއްސުން ފަދަ ކަންކަން ދުރުކޮށްދިނުމަށް އިނގުރުއެހީތެރިވެދެއެވެ. އެހެންކަމުން ރޯގޮހޮރާއި ހުރެ އިނގުރުފެން ބޯނަމަ، އެދުވަހުގެ މަސައްކަތްތަކުގައި ހަށިގަނޑުގެ މަސްތަކަށް ލުއިކަން ލިބޭނެއެވެ. މީގެ އިތުރުން އަންހެނުންގެ މައްސަރުކަންކަން ދިމައިވާ ދުވަސްވަރު، ދަށްބަނޑަށް ވާ ތަދުގެ މިންވަރު ކުޑަކޮށްދިނުމަށްވެސް އިނގުރުފެން އެހީތެރިވެދެއެވެ.

ކަންމިހެން ހުރުމާއިއެކު ހުސްގޮހޮރާ އިނގުރުފެންފޮދެއް ބޯލުން ވަރަށްވެސް މުހިންމެވެ. ކުރަން މިއީ އާދައިގެ ކަމެކެވެ. ތައްޔާރުކޮށްލަންވެސް މިއީ ފަސޭހަ ބުއިމެކެވެ.