2022 ވަނަ އަހަރު ކަނޑަށް ވެއްޓި ގެއްލުނު ސ. ހިތަދޫ ޒުވާނާ ނިޔާވެފައިވާ ކަމަށް ކަނޑައަޅައި، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރަން ނިންމައިފިއެވެ.

ނިޔާވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ މީގެ ހަތަރު އަހަރު ކުރިން އއ. މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުންޖަހާލި ހާދިސާގައި ގެއްލުނު ސ. ހިތަދޫ، މިންހާ، އުމުރުން 29 އަހަރުގެ މުހައްމަދު މިންހާޖުއެވެ. ކަށުނަމާދު ޕޭޖްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިންހާޖުގެ ޣައިބަށް ކަށުނަމާދު ކުރުން އޮންނާނީ މާދަމާ ހުކުރު ނަމާދަށްފަހު ސަލްމާން މިސްކިތުގައެވެ.

މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުން ފުރައިގެން މާޅޮހަށް ދަތުރުކުރަމުން ދަނިކޮށް އެ ލޯންޗު ބަންޑުންޖަހާލި ކަމުގެ މައުލޫމާތު ފުލުހުންނަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އެ ދަތުރުގައި ލޯންޗުގައި ތިބީ ޖުމްލަ ދެ މީހުން ކަމަށްވާއިރު، އޭގެން ދަތުރުކުރި އަނެއް ޒުވާނާ ވަނީ ފެނިފައެވެ.

މި ހާދިސާއާ ގުޅިގެން މިންހާޖުގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އޭގެ ފަހުން މިހާތަނަށް ހަތަރު އަހަރު ފާއިތުވެގެން ދިޔައިރުވެސް އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ.

އުސޫލުތައް އޮންނަ ގޮތުން ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމާނީ ފަނޑިޔާރުންނެވެ. އެގޮތުން ގެއްލުނު މީހާ ނިޔާވެފައިވާ ކަމަށް ފަނޑިޔާރު ކަނޑައަޅައިފި ނަމަ، އޭނާގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރެވިދާނެއެވެ.