ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުން ނެރުމަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ބެޗަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.


މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓްރީން ބުނީ، ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ މަސްވެރިކަމަށް އަލަށް ނިކުންނަން ބޭނުންވާ ފަސް ޒުވާނަކަށް ކަމަށެވެ. މިއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރު އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް ރާއްޖެ ޕްރޮޖެކްޓު"ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި މަސްވެރިކަމާ ބެހޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ރާއްޖޭގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން ނިސްބަތުން އެންމެ ފާހަގަކޮށްލެވޭ އުޅަނދެއްގައި އަމަލީ ގޮތުން މަސައްކަތްކޮށް، ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު އުނގެނުމުގެ ފުރުސަތު ބައިވެރިންނަށް ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝަރުތު ހަމަވާނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ޒުވާނުންނަށެވެ. އަދި އެ ފަރާތަކީ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ ފަރާތަކަށް ވާންޖެހޭނެއެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހެވެ.