ރަސްމާލޭގައި ހިންގަން އުޅޭ "މޯލްޑިވްސް ވޯޓާ ފްރޮންޓް އެންޑް މެރީނާ" މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރަނީ މާލޭގެ އިތުރުން ސްރީ ލަންކާގައި ވެސް ބިމާއި ގެދޮރު ހުރި ރާއްޖޭގެ ތަނަވަސް އާއިލާތަކުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަޝްރޫއާ ދެކޮޅަށް ހިންގާ ހަރަކާތުގައި އެމްޑީޕީން ބައިވެރިވާތީ އެކަމަށް ފާޑުވިދާޅުވެ، ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، އެ ތަނަވަސް އާއިލާތަކުން އެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރަނީ އެ އާއިލާތަކުގެ ދަރިން ބޭރު މީހުންނާ ކައިވެނިކޮށްގެން ތިއްބާ ކަމަށެވެ.

އެމްޑީޕީއަކީ ރާއްޖޭގެ އަސްދަނޑިން ބޭރަށް ވިސްނުން ގެންދަން އުފެއްދި، ތަފާތު ސަގާފަތްތަކަށް ޖާގަދޭ މިނިވަން ވިސްނުމުގެ ޕާޓީއެއް ކަމަށް ނަޝީދު ސިފަކުރެއްވި އެވެ. އަދި އެމްޑީޕީ ދެކޭ ގޮތުގައި ރައްޔިތުން އެދެނީ ތަނަވަސްކަމަށާއި ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ޓަކާ ޓަކާ ގޮވައިގެން، އާންމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް،" އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވި އެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގަން މަސައްކަތްކުރާ އެ މަޝްރޫއަކީ ރާއްޖޭގައި ގައިރުދީންތަކުގެ މީހުން ވަޒަންވެރިކުރުވަން ހިންގަން އުޅޭ މަޝްރޫއެއް ކަމަށް ސިފަކޮށް، އެ މަޝްރޫއު ހުއްޓާލަން ގޮވާލައި ކުރިއަށް ގެންދާ ހަރަކާތުގައި އެމްޑީޕީން ދަނީ ބައިވެރިވަމުންނެވެ. ނަމަވެސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނު އެ މަޝްރޫއަށް ތާއީދުކުރައްވާ ކަމަށެވެ.