މަދުން ފެންނަ އަދި ފުރާނައަށް ނުރައްކާތެރި ވެދާނެ ދުޅަހެޔޮކަން ގެއްލުވާލާ އިންފްލެމޭޝަން ބައްޔެއް މެދުވެރިވަނީ ދިފާއީ ނިޒާމުގެ ސެލްތަކަށް ދިމާވާ މައްސަލައެއްގެ ސަބަބުންކަން ސައިންސްވެރިން ހޯދައިފިއެވެ. ގާރްވަން އިންސްޓިޓިއުޓް އޮފް މެޑިކަލް ރިސާޗްގެ މި ހޯދުމުން، ފާއިތުވި 30 އަހަރު ވާންދެން ސައިންޓިފިކް ދާއިރާގައި ޤަބޫލުކުރަމުން އައި ގޮތްތައް ބަދަލުކޮށްލާފައިވެއެވެ. މީގެ ކުރިން ހީކުރެވިފައި އޮތީ އެހެން ސެލްތަކަކުން މި ބަލީގެ އިންފްލެމޭޝަން އުފެދޭ ކަމަށެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި، ވައިރަސްތަކާ ދެކޮޅަށް ހަށިގަނޑުން ނަގާ ފުރަތަމަ ދިފާއީ ފިޔަވަޅު އަޅާ ނެޗުރަލް ކިލަރ ސެލްތަކަށް ލިބޭ ގެއްލުމުގެ ސަބަބުން، އިންފެކްޝަން ނައްތާލުމަށް ބޭނުންކުރާ ވިހަ މާއްދާތައް ސެލްތަކުގެ ތެރޭގައި ތާށިވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެ ސެލްތަކުން ގިނަ އަދަދަކަށް އިންޓަރފެރޯން ގާމާ ފަދަ އިންފްލެމޭޝަން އުފައްދާ ސިގްނަލްތައް ބޭރުކޮށް، މުޅި ހަށިގަނޑުގައި ނުރައްކާތެރި ހުމާއި ޖަރާދީމުތައް އުފެދެއެވެ. މި ކަމުގެ ސަބަބުން ބަލި މީހުންނަށް ތަކުރާރުކޮށް ގަދައަށް ހުން އައުމާއި، ހަމުގައި ބިހި ނެގުމާއި، ހުޅުތަކުގައި ރިއްސުމާއި، ބަނޑުގެ ގުނަވަންތަކަށް ގެއްލުން ލިބުން ފަދަ އަލާމާތްތައް ކުރިމަތިވެއެވެ.
މި އާ ހޯދުމުގެ އަލީގައި، މިހާރުވެސް ބޭނުންކުރަމުން އަންނަ ބައެއް ބޭސްތަކުގެ އެހީގައި މި ބައްޔަށް އައު ފަރުވާއެއް ދެވިދާނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ. ޚާއްޞަކޮށް އިންޓަރފެރޯން ސިގްނަލް ހުއްޓުވާ ޖޭއޭކޭ އިންހިބިޓަރ ފަދަ ބޭސްތައް ބޭނުންކޮށްގެން، އާދައިގެ ފަރުވާތަކުން އަސަރު ނުކުރާ ބަލިމީހުންނަށް ލުއި ލިބިދާނެ ކަމަށް ދިރާސާވެރިން ފާހަގަކުރެއެވެ. މި ފަރުވާގެ އުސޫލު ބޭނުންކޮށްގެން ވަރަށް ބޮޑަށް ބަލިޙާލު ގޯސްވެފައިވާ ތުއްތު ކުއްޖަކަށް ފަރުވާ ދިން އިރު، އެ ކުއްޖާގެ ޙާލަތަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރެވިފައިވެއެވެ.
މި ހޯދުމަކީ ހަމައެކަނި މި ވަކި ބައްޔަށް ލިބުނު ހައްލެއް ނޫނެވެ. މިއީ ޖެނެޓިކް ސަބަބުތަކާ ހެދި ދިމާވާ އެހެނިހެން އިންފްލެމޭޝަން ބަލިތައް ދެނެގަނެ، އެ ބަލިތަކަށް ފަރުވާ ހޯދުމަށް ވެސް މަގުފަހިކޮށްދޭނެ މުހިންމު ފިޔަވަޅެކެވެ. ކުރިއަށް އޮތް ތަނުގައި އިތުރު ކްލިނިކަލް ދިރާސާތައް ހިންގައި، މި ފަރުވާތަކުގެ ރައްކާތެރިކަމާއި ކާމިޔާބީ އިތުރަށް ޔަޤީންކުރުމަށް ސައިންސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.
ހަވާލާ: ސައިންސް ޑެއިލީ 2026.
