ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް 100،000 މެމްބަރުން ހަމަވެ، ރާއްޖޭގެ ސިޔާސީ ތާރީހުގައި އެ އަދަދަށް މެމްބަރުން ހަމަވި ފުރަތަމަ ޕާޓީއަށް އެ ޕާޓީ ވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި މިރޭ 22:37 އާ ހަމައަށް ޕީއެންސީގައި ތިބީ 100،083 މެމްބަރުންނެވެ. 31 ޖެނުއަރީ 2019 ގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރި ޕީއެންސީއަށް މި ހާސިލުކުރެވުނީ މިހާތަނަށް ރާއްޖޭގައި އުފެދުނު އެއްވެސް ސިޔާސީ ޕާޓީއަކަށް ހާސިލުކުރެވިފައި ނުވާ ފަދަ ބޮޑު ކާމިޔާބީއެކެވެ.

އީސީގެ ދަފްތަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ 7 ސިޔާސީ ޕާޓީގައި ޖުމްލަ ތިބީ 178،205 މެމްބަރުންނެވެ. މީގެ ތެރެއިން ޕީއެންސީއަށް ފަހު ދެވަނައަށް އެންމެ މެމްބަރުން ގިނައީ އިދިކޮޅު އެމްޑީޕީގައެވެ. އެ ޕާޓީގައި ތިބީ 53،747 މެމްބަރުންނެވެ.

މީގެ އިތުރުން ދަފްތަރުގައި ހިމެނޭ އެހެން ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާއިރު، ޖުމްހޫރީ ޕާޓީގައި 7،751 މެމްބަރުން ތިބިއިރު، އެމްޑީއޭގައި ތިބީ 5،749 މެމްބަރުންނެވެ. އަދި އަދާލަތު ޕާޓީގައި 5،530 މެމްބަރުން، އެމްއެންޕީގައި 2،809 މެމްބަރުން އަދި ޕީއެންއެފްގައި 2،536 މެމްބަރުން އެބަތިއްބެވެ.

ޕީއެންސީގެ މެމްބަރުންގެ އަދަދު 100،000 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް އެ ޕާޓީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނަށް ރިޔާސީ ޓިކެޓު ވެސް އަރުވާފައެވެ.