އިންސާނާ އޭނާގެ ހަޔާތު ލިބޭ ކާމިޔާބުތަކުގައި ފަހުރުވެރި ވެއެވެ. އެހެންނަމަވެސް ބޮޑާ ވުމަކީ އެއީ ނެތް ގޮތެކެވެ. އެހެން ކަމުން ކާމިޔާބީގައި ހިތްތިރިކޮށް، ނާކާމިޔާބީގައި ހިތްވަރުކުރަން ބުނެއުޅެއެވެ. މި ހިއްސާކޮށްލެވެނީ ދުނިޔެ ދެކެފައިވާ ހަގީގީ ވާހަކައެކެވެ. މިސްރުގެ ޑޮކްޓަރަކަށް ދިމާވި ހާދިސާއެކެވެ.

ޑޮކްޓަރަކީ މޮޅު ޑޮކްޓަރެކެވެ. ވަރަށް ގިނަމީހުން އޭނާއަށް ދައްކައެވެ. އޭނާ އަކީ މަޝްހޫރު މީހެކެވެ. އޭނާގެ މަޝްހޫރުކަމުގެ ބަދަލުގައި އޭނާއަށް ލިބެންފެށީ ފައިސާއެވެ. މަދު ނުވާވަރަށް ގިނަ ފައިސާއެވެ. ފައިސާ އަކީ އިންސާނުންގެ ހިތްތަކުގެ ވިންދުވެސް ހުއްޓުވާލެވޭ ވަރުގެ ބާރުގަދަ އެއްޗެކެވެ.

ޑޮކްޓަރު ބަލި މީހުން ބެލުމަށް ދެތިން ހޮސްޕިޓަލަކަށް ދެއެވެ. ކޮންމެ ހޮސްޕިޓަލަކަށްވެސް ވަކި ގަޑިތަކެއް ކިޔައިގެންނެވެ. އެހެން ނަމަވެސް މި ގަޑިތަކަށް އެއް ހޮސްޕިޓަލުން ނިމިގެން އަނެއް ހޮސްޕިޓަލަކަށް ނާދެވެއެވެ. ބަލި މީހުން ގިނަ ކަމުންނެވެ. އެހެން ނަމަވެސް ޑޮކްޓަރު ކިތަންމެ ލަހުން އައި ނަމަވެސް ބަލި މީހުން އިންތިޒާރުގައި ތިބެއެވެ. އެ ކަމަކުން ޑޮކްޓަރަށް ވީ އުނިކަމެއް ލިބުނު ދެރައެއް ނެތެވެ. އަނެއްކާވެސް ޑޮކްޓަރު އިތުރު ހޮސްޕިޓަލެއްގައި ބަލަން ފެށިއެވެ. އެހިސާބުން ގަޑި ޖެހޭމިންވަރު ވަރަށް ބޮޑުވެއްޖެއެވެ. ބަލި މީހުން ބަލަން ބުނެފައި އޮންނަ ވަގުތައްވުރެ ގަޑި ދެގަޑިއިރު ލަސްވެއެވެ. އެއްވެސް ފަރުވާލެއް ނެތެވެ.

ބަލި މީހުން އިންތިޒާރު ކުރެއެވެ. ޝަކުވާއެއް ދިމާލަކަށް ނުކުރެއެވެ. ފައިސާ ދިނުމުގައި އިންކާރެއް ނުކުރެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެފަދަ ހާލެއްގައި ކަންކަން ހިނގަމުން ދިޔައެވެ. ލިބޭ އާމްދަނީ ބޮޑުކޮށްލުމުގެ ނިޔަތުގައި ޑޮކްޓަރު މިފަހަރު ކޮށްލި ކަމަކީ ބަލި މީހުން އަތުން ނަގާ ފީ ބޮޑުކޮށްލީއެވެ. އާދޭހެވެ! ޑޮކްޓަރަށް ލިބެމުން ދިޔަ އާމްދަނީ އިހުނަށްވުރެ ބޮޑުވެއްޖެއެވެ. މިކަމާ ޝަކުވާއެއް ކުރާ ވަކި މީހަކުވެސް ނެތެވެ. ބަލި މީހާ ވީ ބަލި މީހަކަށެވެ. ފަރުވާ ހޯދުމުގައި ކިތަންމެ ބޮޑު ދަތިތަކެއް ހުއްޓަސް ބަލި މީހާ ފަރުވާ ބޭނުންވެއެވެ. މިކަން ވެގެން ދިޔައީ ޑޮކްޓަރަށް އާމްދަނީ އިތުރުކޮށްލަން ރަނުގެ ފުރުސަތަކަށެވެ. ކޮންމެވެސް ނަމެއް ކިޔާ ކޮންމެވެސް ފީތަކެއްވެސް ނެގެން ފެށިއެވެ. މިކަމުގައި ވެސް އެއްވެސް ބަލި މީހަކު ޝަކުވާއެއް ނުކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް އެއްދުވަހު ޑޮކްޓަރު ބަލިވެއްޖެއެވެ. ދާންޖެހުނީ ޑޮކްޓަރު އުޅުނު ހޮސްޕިޓަލުން ކުރެ ހޮސްޕިޓަލަކަށެވެ. ދެއްކުމުގެ ނިޒާމު އެހާ އުނދަގުލެވެ. އެހާ ވަގުތު ހޭދަވެއެވެ. އެހާ ފީތައް ގިނައެވެ. އެހާމެ އަގުވެސް ބޮޑެވެ. މި ހުރިހާ ކަމާއި މިއަދު ކުރިމަތިލާންމިޖެހުނީ އެއްކަލަ ޑޮކްޓަރެވެ. ފަރުވާ ނުލިބި ލަސްވުމުގެ ސަބަބުން ޑޮކްޓަރުގެ އެއް ކިޑްނީ ފެއިލްވިއެވެ.

މިއީ އެހެންމީހުންގެ އިހުސާސްތައް ނުދަނެ، ތިމާއަށް ލިބޭ ކާމިޔާބީގައި ބޮޑާވުމުގެ ހިތި ނަތީޖާއެވެ. ތިމާ ފޭހުނު އިލޮށިގަނޑު ތިމާގެ ލޮލަށް ހެރުންފަދަ ކަމެކެވެ.