ދިވެހިބަހާއި އަދަބިއްޔާތަށް ހިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، މ. ސިލްވަރކްލައުޑް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އައްބާސް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އަރުވައިފިއެވެ. އެމަނިކުފާނަށް މި އިއްޒަތް އަރުވާފައިވަނީ ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.


ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އައްބާސް އިބްރާހީމަކީ، ދިވެހިބަހުގެ ގަވާއިދުގެ ތެރެއަށް ވެދެވަޑައިގެން ހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ. ވާހަކަ ދެއްކުމުގެ ފަންނުގައި ލާމަސީލު ނަމޫނާއެއްގެ އިތުރުން، އަދަބީ އެކި ރޮނގުރޮނގުން ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އަދި މިހާރުވެސް ހިދުމަތުގައި ދެމިހުންނެވި ބަހުގެ އުސްތާޒެކެވެ.


ނޫސްވެރިކަމަށް އުފެދުނު ލޯތްބާއެކު 1959 ވަނަ އަހަރު ހަބަރުގެ ދާއިރާއަށް ވެދެވަޑައިގެން، ރޭޑިއޯއިން ބޭރުގެ ހަބަރު އަޑުއައްސަވައިގެން ދިވެހިބަހަށް ތަރުޖަމާ ކުރައްވައިގެން ލިޔުއްވަން ފެއްޓެވިއެވެ. އަދި 22 ޑިސެންބަރު 1996 ގައި ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެން، އެ މަރުކަޒުގައި ހިދުމަތް ކުރެއްވި 12 އަހަރުގެ ތެރޭގައި 2000 ވަނަ އަހަރު ދިވެހިބަސް ފޮތް ޑިޖިޓަލް ކުރައްވައި ކޮމްޕިއުޓަރުން ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެއްވިއެވެ. މީގެ އިތުރުން ރައީސް އޮފީހުން ނެރުއްވި ކީރިތި ގުރްއާނުގެ ދިވެހި ތަރުޖަމާ ބައްލަވައި ފުރިހަމަކުރެއްވުމާއި، 1979 ވަނަ އަހަރު ރޭޑިއޯއާ އަލުން ގުޅިވަޑައިގެން ބަހާއި އަދަބިއްޔާތުގެ ޕްރޮގްރާމްތަކަށް ބޮޑު އިސްކަމެއް ދެއްވިއެވެ.


ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާގައި ހިދުމަތް ކުރައްވާތާ 67 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ އައްބާސް އިބްރާހީމް މިހާރު ހުންނެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ މުޝީރުގެ މަގާމުގައެވެ. އަދި ދިވެހިބަހުގެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ ރައީސްކަމުގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އެމަނިކުފާނަށް ވަނީ މީގެ ކުރިން ނޫސްވެރިކަމުގެ ރޮނގުން ހިތްވަރު ދިނުމާއި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، މިނިވަން 25 ގެ އިނާމާއި، ރަން ގަލަމާއި އަލިމަސް ގަލަމުގެ އިތުރުން "ހަޔާތުގެ އަރުތަ" އިނާމު ލިބިވަޑައިގެންފައެވެ. އެމަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އެރުވީ 26 ޖުލައި 2013 ގައެވެ.