ގައުމަށް އެންމެ ފައިދާހުރި މަގުތައް އިހްތިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން އިހްތިޔާރުކުރިކަމަށާއި، މި ސަރަހައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ގާނޫނުއަސާސީ އެކުލަވައިލީވެސް ދިވެހީންކަމަށެވެ. އަދި ރަސްކަމަކުން އިންތިހާބީ ރަސްކަމަކަށް، އެއަށްފަހު ޖުމްހޫރީ ވެރިކަމަކަށް އަދި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާސިލުވުމުން އެކަން ހާމަވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހީންގެ ތާރީހީ ނަސީބުވެރިކަމަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ކުޑަ އާބާދީއަކާއެކު 4،000 އަހަރުވީ ތާރީހެއްގައި މިނިވަންކަންމަތީ ދެމިތިބެ، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ލިބިގަތުމަކީ ދިވެހީންގެ ގައުމީ ވިސްނުމާއި މާތް ﷲ ދެއްވި މަތިވެރި ނިއުމަތުގެ ހެއްކެއްކަމަށެވެ. އަދި ވަރަށް ފަހަކާ ޖެހެންދެންވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް މިނިވަންކަންމަތީ ތިބުމަކީ އާދަޔާ ހިލާފު ހަގީގަތެއްކަމަށްވެސް ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މާނައަށް އިޝާރާތްކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަންކަމަށެވެ. އެހެންކަމުން ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް އިންސާނުންނެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށްޓަކައި އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމާއި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުންވެސް އޮތެވެ.