އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ހިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ ޑރ. މުހައްމަދު ރަޝީދު އިބްރާހީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވައިފިއެވެ. އެމަނިކުފާނަށް މި އިއްޒަތް އަރުވާފައިވަނީ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިސްރުގެ ޖާމިއުލްއަޒްހަރުން މަތީ ތައުލީމު ހާސިލު ކުރައްވައިގެން ރާއްޖެއަށް ވަޑައިގަތުމަށްފަހު، ރާއްޖޭގައި ދީނީ ތައުލީމު އުނގަންނައިދެއްވުމަށާއި ދީނީ ރޮނގުން މީހުން ހޭލުންތެރިކުރުމުގައި ޑރ. މުހައްމަދު ރަޝީދު އިބްރާހީމަކީ ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްޕުޅުތަކެއް އަމަލީގޮތުން އަދާކުރެއްވި ބޭފުޅެކެވެ. 8 ފެބުރުވަރީ 1981 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެޑްވައިޒަރެއްގެ މަގާމުން ސަރުކާރަށް ހިދުމަތް ކުރައްވަން ފެށްޓެވުމަށްފަހު، އެ އޮފީހުގެ ހާއްސަ ވަކީލުކަމާއި، 15 ޖަނަވަރީ 1987 ގައި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ މުދީރުކަމާ ހަވާލުވެވަޑައިގެން އެ މަދަރުސާގެ ހިންގުމާއި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ.
ޑރ. މުހައްމަދު ރަޝީދު އިބްރާހީމްގެ އިލްމީ ހިދުމަތްތަކުގެ ތެރެއިން އެންމެ ހާއްސަގޮތެއްގައި ފާހަގަކޮށްލެވެނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ފެށްޓެވި، ކީރިތި ގުރްއާން ދިވެހިބަހަށް ތަރުޖަމާ ކުރެއްވުމުގެ ކޮމިޓީގައި ކުރެއްވި ހިދުމަތެވެ. އެ ކޮމިޓީގެ ރައީސްކަންވެސް 18 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެ މަނިކުފާނު ކުރެއްވިއެވެ. މީގެ އިތުރުން ރޯދަ މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ޕްރޮގްރާމްތަކާއި، ރޭޑިއޯ އަދި ޓީވީގެ ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ގިނަ އަދަދަކަށް ހުކުރު ހުތުބާ ލިޔުއްވައި "ދީނުގެ މަގު" ނޫހަށް ކޮންމެ ހަފުތާއަކު ލިޔުއްވަމުން ގެންދެވިއެވެ.
މައުހަދުއް ދިރާސާތިލް އިސްލާމިއްޔާއާއި ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގައި ދިގު މުއްދަތަކަށް ކިޔަވައިދެއްވައި ދަރިވަރުންގެ މަގްބޫލުކަން ހޯއްދެވި ޑރ. ރަޝީދު ވަނީ ދީނީ އަދި އިލްމީ ގިނަ ފޮތްތަކެއް ލިޔުއްވާފައެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ހާއްސަ ދީނީ ވާހަކަތަކާއި ކީރިތި ރަސޫލާ ﷺ ގެ ސީރަތުގެ މައްޗަށް ލިޔުއްވި ފޮތްތައް ހިމެނެއެވެ. އަދި ބޭރުގެ ބައެއް ޖަމުއިއްޔާތަކުގައި ހިދުމަތް ކުރައްވައި، އިންޓަނޭޝަނަލް ކޮންފަރެންސްތަކުގައި ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ.
40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދިވެހި ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ޑރ. މުހައްމަދު ރަޝީދު އިބްރާހީމް އެންމެ ފަހުން އަދާކުރެއްވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަގާމެވެ. އެ މަނިކުފާނަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައިވަނީ 10 ނޮވެންބަރު 2008 ގައެވެ.
