މާތް الله އަށް ފުރިހަމައަށް ވަކީލުކުރަން ފެށުމާއެކު އިންސާނާގެ ހިތުގައި އުފެދޭ މާޔޫސްކަމާއި ބޭކާރު ވިސްނުންތައް ނިމުމަކަށް އަންނަ ކަމަށް މަޝްހޫރު އިސްލާމީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ކަންބޮޑުވުމާއި ބިރުވެރިކަން އަދި ހާސްކަމުން އަރައިގަތުމުގައި ތަވައްކުލް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޔޫޓިއުބް މެދުވެރިކޮށް ދެއްވި ދަރުސެއްގައެވެ. މުފްތީ މެންކް ބަޔާންކުރެއްވި ގޮތުގައި މާތް الله އަށް ފުރިހަމައަށް އިތުބާރުކޮށް، އެކަލާނގެ ރޭއްވެވުމަށް ރުހިގެން ހުރުމަކީ ދުނިޔެމަތީގައި އިންސާނާއަށް ލިބޭ ސުވަރުގެއެއް ފަދަ ހިތްހަމަޖެހުމެކެވެ.
މި ދަރުސުގައި މުފްތީ މެންކް ފާހަގަކުރެއްވި ގޮތުގައި ދިރިއުޅުމުގައި ދަތިތަކާއި ހިތާމަތައް ކުރިމަތިވި ނަމަވެސް، މާތް الله އާއެކު އޮންނަ ގުޅުން ވަރުގަދަ މީހާއަށް އެ ވޭންތައް ތަހައްމަލު ކުރަން ފަސޭހަވެއެވެ. ކުއްޖަކު އޭނާގެ މަންމަގެ ގާތުގައި ހުންނައިރު ރައްކާތެރިކަން އިހުސާސް ކުރެވޭ ފަދައިން، އިންސާނާ ހެއްދެވި ފަރާތާއެކު އޮންނަ ގުޅުމުގެ ސަބަބުން ދުނިޔޭގެ އެހެން އެއްވެސް ފަރާތަކަށް ނުދެވޭ ފަދަ ނަފްސާނީ ބާރަކާއި ހަމަޖެހުމެއް ލިބިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އުންމީދު ކަނޑާލުމާއި ނުބައި ގޮތްގޮތަށް ވިސްނުމަކީ ޝައިތާނާގެ ވަސްވާހެއް ކަމަށާއި، އެކަމުގެ ސަބަބުން އިންސާނާ މުސްތަގުބަލާ މެދު ބިރުގަނެ، ހާސްކަމުގެ ތެރެއަށް ވެއްޓިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.
ބޭކާރު ވިސްނުންތަކާއި ހާސްކަމުން ސަލާމަތްވުމަށް މުފްތީ މެންކް ވަނީ އަމަލީ ގޮތުން ކުރެވިދާނެ މުހިންމު ކަންތައްތަކެއް ކިޔައިދެއްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، ހިތަށް އުނދަގޫކުރާ އެންމެ މުހިންމު އެއް ކަންތައް ފާހަގަކުރުމަށްފަހު، އެކަން ހައްލުކޮށްދެއްވުމަށް އެދި އިހުލާސްތެރިކަމާއެކު މާތް الله އާ ހަވާލުކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ. އަދި އެއަށްފަހު ވަކި ގޮތަކަށް ނަތީޖާ ނުކުންނާނެ ކަމަށް އުންމީދުކޮށްގެން ހުރުމުގެ ބަދަލުގައި، މާތް الله ނިންމަވާ ކޮންމެ ގޮތަކަށް ރުހި ގަބޫލުވުމަށް ހިތް ސާފުކޮށް ބޭއްވުމަކީ ހަގީގީ ހިތްވަރުގަދަކަން ކަމުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ވަކީލުކުރުމަކީ އެއްވެސް މަސައްކަތެއް ނުކޮށް އަތްއުރާލައިގެން ތިބުން ނޫންކަން މުފްތީ މެންކް ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. ކީރިތި ރަސޫލާ ﷺ ގެ ހަދީސްފުޅަކުން މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، އެންމެ ފުރަތަމަ އިންސާނާ އޭނާގެ ބުއްދިއާއި ހަކަތަ އަދި ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ހަލާލު ގޮތުގައި ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ނަތީޖާ މާތް الله އާ ހަވާލުކުރަން ޖެހެނީ އިންސާނާގެ ފަރާތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ފުރިހަމައަށް ކުރުމަށްފަހުގައި ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.
ދަރުސް ނިންމަވާލައްވަމުން މުފްތީ މެންކް ވަނީ، މުސީބާތްތަކުން ސަލާމަތްވުމަށާއި ނަސީބު ހޯދުމަށްޓަކައި ފާލުބެލުމާއި ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކާ ދުރުހެލިވުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެފަދަ ތަކެއްޗަކީ އިންސާނާއަށް އެއްވެސް ރައްކާތެރިކަމެއް ދެވޭނެ ތަކެތި ނޫން ކަމަށާއި، އޭގެ ބަދަލުގައި މާތް الله ހަނދުމަކުރުމާއި އެކަލާނގެއަށް ފުރިހަމައަށް ބަރޯސާވުމަކީ ދުނިޔެއާއި އާހިރަތުގެ ކާމިޔާބީއާއި ހިތުގެ ހަމަޖެހުން ލިބޭނެ ހަމައެކަނި މަގު ކަމަށް އޭނާ ވިދާޅުވިއެވެ.
