ދަތި އުނދަގޫ ދަނޑިވަޅުތަކުގައި ވެސް އަހުލާގީ މިންގަނޑު ހިފަހައްޓަން ޖެހޭ ކަމަށް ހުކުރު ހުތުބާގައިވަނީ ގޮވާލާފައެވެ.

މުޖުތަމައުގައި ރިވެތި އަހުލާގީ ސިފަތައް އާލާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ހުތުބާގައި ބުނީ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހާސިލުވުން ގުޅިފައިވަނީ ރިވެތި ސިފަތަކާ ކަމަށްވާއިރު، މިއަދުގެ މުޖުތަމައުގެ ބައެއް ފަރުދުންގެ ކިބައިން އެ މާތް ސިފަތައް ފަނޑުވަމުންދާ މަންޒަރު ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ކިތަންމެ ބޮޑު ތަދުމަޑުކަމެއް ނުވަތަ ބަނޑުހައިހޫނުކަމެއް ދިމާވި ކަމުގައި ވިޔަސް، އެހެން މީހުންގެ ބުރަ މަސައްކަތުން ހޯދާފައިވާ މުދަލަށް އަރައިގަތުމާއި، ވައްކަމާއި ފޭރުމަކީ އިސްލާމްދީން ދުވަހަކު ވެސް ހުއްދަކުރާނެ ކަންކަމެއް ނޫން ކަމަށް ހުތުބާގައި ފާހަގަކުރިއެވެ.

އިސްލާމީ އުންމަތުގެ ބައެއް މީހުންގެ ފަރާތުން މިފަދަ ދަށުދަރަޖައިގެ އަމަލުތައް ފެނުމަކީ، މުޅި ދީނުގެ މަތިވެރިކަމާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދެކުމަށް މަގުފަހިވާނެ ނުރައްކާތެރި ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ. މީގެ އިތުރުން، އަނެކުންނާ ވާހަކަދެއްކުމާއި މުއާމަލާތުކުރުމުގައި، ކުރިމަތީގައި ހުރީ ކިތަންމެ ގޯސް މީހެއް ކަމުގައި ވިޔަސް، މަޑުމައިތިރިކަމާއި ރިވެތި ބަސްމަގު އިހުތިޔާރުކުރުމަކީ އިސްލާމީ ތަރުބިޔަތުގެ އެންމެ މުހިންމު އެއް އަސާސް ކަމަށް ވެސް ބުންޏެވެ.

"މި ދުނިޔެވީ ހަޔާތަކީ އެއް ހާލަތެއްގައި ދެމިއޮންނާނޭ ތަނެއް ނޫން. ދުޅަހެޔޮކަމުގެ ފަހަތުން ބަލިމަޑުކަން، އަދި ތަނަވަސްކަމުގެ ފަހަތުން ދަތިހާލު އައުމަކީ ދުނިޔޭގެ ތަބީއަތް. އެންމެ ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި މުދާ ފަދަ ނިއުމަތްތައް ލޮލުގެ ކުރިމަތީގައި ފެންނަން ހުރުމަށްފަހު، ކުއްލިއަކަށް ދިމާވާ ހާދިސާއެއްގެ ސަބަބުން އެ ހުރިހާ އެއްޗެއް ގެއްލި ފަނާވެ ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، ދަތި އުނދަގޫ ކަމެއް ކުރިމަތިވާ ކޮންމެ ހިނދަކު އެއީ މީހެއްގެ ފަރާތުން ލިބުނު ބަދުނަސީބެއް ކަމަށް ދެކި، އެހެން މީހުންނާ މެދު ބަދުގުމާންކޮށް ހިތް ނުބައިކުރުމަކީ މުއުމިނުންގެ ސިފައެއް ނޫން ކަމަށެވެ. އަދި އަމާންކަމާއި ބިރުވެރިކަމަކީ ވެސް ދައުރުވަމުން އަންނަ ކަންކަން ކަމަށާއި، މި ހުރިހާ ހާލަތްތަކަކީ އީމާންތެރިކަން ވަޒަންކުރެއްވުމަށްޓަކައި الله މިންވަރުކުރައްވާ އިމްތިހާނުތައް ކަމަށް ވާތީ، އެ އިމްތިހާނުތަކުން ކާމިޔާބު ލިބުން އޮތީ ހިތްވަރާ އެކު ކެތްތެރިކަން އިސްކޮށްގެން ކަމަށް ހުތުބާގައި ބުންޏެވެ.

މިއަދު ސިއްހަތާއި، ޓެކްނޮލޮޖީއާއި، ތައުލީމާއި، އިގުތިސާދީ ގޮތުން ދުނިޔެ ކިތަންމެ ކުރިއަރައިދިޔަ ނަމަވެސް، އެ ކުރިއެރުމުގެ ތެރޭގައި އަހުލާގީ ރިވެތި ސިފަތައް ނެތް ނަމަ އެއީ ހަގީގީ ތަރައްގީއެއް ކަމަކަށް ނުބެލެވޭނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި މުސްލިމުންގެ ފަހުރުވެރި މާޒީ ބިނާވެގެން ދިޔައީ އިލްމާއި ފަންނުގެ އިތުރުން، އެ މީހުންގެ ކިބައިގައި ހުރި މަތިވެރި އަހުލާގުގެ ސަބަބުން ކަމަށް ވާތީ، އަލުން އިސްކަންދޭންވީ މި އަގުހުރި ސިފަތައް ދިރުވައި އާލާކުރުމަށް ކަމަށް ވެސް ހުތުބާގައި ގޮވާލިއެވެ.