ވެރިކަން ކުރާ ޕީއެންސީއާ ގުޅިގެން ސިޔާސީ މަސައްކަތް ކުރުމަށް އަދާލަތު ޕާޓީން ނިންމުމާ ގުޅިގެން، އެ ޕާޓީގެ ބައެއް މެންބަރުން ފާޑުކިޔަމުންދާތީ އެ ޕާޓީގެ މަޝްވަރާ މަޖިލީހާއި އިލްމުވެރީންގެ މަޖިލީހުގެ މެންބަރު ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ރައްދު ދެއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. އިޔާޒް ވިދާޅުވީ، އަދާލަތު ޕާޓީގެ އެހާރާއި މިހާރުގެ ނިންމުންތައް ވެސް ނިންމަމުން އަންނަނީ މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން، މެންބަރުންގެ ހިޔާލާއި މަޖިލީސްތަކުގެ އަޣުލަބިއްޔަތުން ކަމަށެވެ.
ކޮންމެ ނިންމުމަކީ އެންމެން އެއްބަސްވާ ކަމަކަށް ނުވެދާނެކަން ފާހަގަކުރައްވަމުން އިޔާޒް ވިދާޅުވީ، އަޣުލަބިއްޔަތުން ކަމެއް ނިންމުމުން އެ ނިންމުމަކަށް އެންމެން ވެސް އިހުތިރާމު ކުރަންވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މި އުސޫލުމަތީގައި ދެމިތިބުމުގެ ހެޔޮ ތައުފީގު މާތްﷲ މިންވަރު ކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
ދީނާއި ގައުމުގެ ހައްގުގައި ބަސްބުނެ އަމަލު ކުރަން ޖެހުނު ކޮންމެ ވަގުތެއްގައި ފަސްޖެހުމެއް ނެތި އަދާލަތު ޕާޓީ ބަދަހިކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް ޑރ. އިޔާޒް ވަނީ ދެއްވާފައެވެ.
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ޕީއެންސީއާއެކު ކުރިއަށް ދިއުމަށް ނިންމާފައިވަނީ، އިސްލާމްދީނާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމާއެކު، ގައުމުގެ ސިޔާސީ ހަމަޖެހުން ދެމެހެއްޓުމާއި ގައުމީ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ގުޅިގެން މަސައްކަތް ކުރުމަކީ ގައުމަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ދެކޭތީ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
