ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓަށް ވާދަކުރައްވާ އަބްދުﷲ ޝާހިދުގެ ބަންދަށް ޖެހި 30 ދުވަހުގެ އަމުރު ހައި ކޯޓުން ވެސް މިއަދު ދަމަހައްޓައިފިއެވެ.
ހުޅުމާލޭގައި ހުންނަ ރެއިންބޯ އޯޝަންފްރޮންޓްގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓްގައި ހުންނަވަނިކޮށް ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުއެވެ. އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރުމަށް ފަހު، ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަސް ޖެހިއެވެ.
ދަށު ކޯޓުން ޝާހިދު ބަންދުކުރަން ނިންމި ގޮތް ގޯސްކަމަށް ކަނޑައަޅައިދީ، އެ އަމުރު ބާތިލުކޮށްދިނުމަށް އެދި އޭނާގެ ފަރާތުން ހައި ކޯޓަށް އިސްތިއުނާފު ހުށަހެޅީ މި މަހުގެ 4 ވަނަ ދުވަހުއެވެ. އެ އިސްތިއުނާފު މައްސަލަ ބެލުމަށް ފަހު ހައި ކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް، ޝާހިދު ބަންދުގައި ބެހެއްޓުމަށެވެ.
ހައި ކޯޓުން ބުނީ މި މައްސަލައިގެ ބާވަތުން، ބަންދު އަމުރު ދެމެހެއްޓި ގޮތުގެ ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސީދާ ތަފްސީލެއް ވެސް މިހާތަނަށް އެނގިފައެއް ނުވެއެވެ.
ކުރީގެ ފޮރިން މިނިސްޓަރުކަމާއި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ފަދަ އިސް މަގާމުތަކެއް ފުރުއްވާފައިވާ ޝާހިދު ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން އެއީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ، އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
