ބޭންކުން ލޯނު ދޫކުރާ އެންމެ މަތީ އުމުރުގެ ގޮތުގައި މިހާރު ކަނޑައަޅާފައި އޮންނަ 60 އަހަރަކީ ދަށް އުމުރެއް ކަމަށާއި، އެ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތިކުރުމަށް އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ރޭ ބައިވެރިވި އުމުރުން ދުވަސްވީ މީހަކު ވަނީ، ދުވަސްވީ މީހުންނަށް ބޭންކުން ލޯނު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ "މުސްކުޅި ވިޔަސް، ޒުވާން ވިޔަސް މަރުވާންވީމާ މަރުވާނެ" ކަމަށާއި އެހެން ނަމަވެސް ދުވަސްވީ މީހުން ވެސް ގެ މޯގޭޖްކޮށްގެން ލޯނު ނަގައިފި ނަމަ، ލޯނު ނުދެއްކޭ ހާލަތުގައި ބޭންކަށް އެ ގެ ނެގުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އެންމެ މަތީ އުމުރުގެ ގޮތުގައި މިހާރު ކަނޑައަޅާފައި އޮންނަނީ 60 އަހަރެވެ. މި އުސޫލުގެ ސަބަބުން އުމުރުން 60 އަހަރުން މަތީގެ ގިނަ ބަޔަކަށް ލޯނު ހޯދުމުގައި ދަތިތަކާ ކުރިމަތިވެ އެވެ.
އުމުރުން ދުވަސްވީ މީހާގެ އެ ޝަކުވާއާ ގުޅިގެން ރައީސް ވިދާޅުވީ، ކުރިއާ އަޅާބަލާއިރު ރާއްޖޭގެ އެވްރެޖް އުމުރު މިހާރު މަތިވެފައިވާ ކަމަށާއި އެހެންކަމުން ލޯނު ދޫކުރުމަށް 60 އަހަރު ކަނޑައަޅާފައި އޮތުމަކީ ދަށް އުމުރެއް ކަމަށެވެ.
"ހީވަނީ މިހާރު ބަދަލުތަކެއް ގެނެސްފައިހެން ވަނީ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، ލޯނު ދޫކުރާ އުމުރު 75 އަހަރަށް ނުވަތަ އެއަށް ވުރެ މަތިކުރުމަށް ބޭންކުގައި އާއި ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް މުއިއްޒު ރޭ ވިދާޅުވި އެވެ.
