މައިކްރޯޕްލާސްޓިކް އިންސާނާގެ ހަށިގަނޑަށް ގެއްލުންދެނީ ހަމައެކަނި ހަށިގަނޑުގެ ތެރޭގައި ޖަމާވެގެން ނޫން ކަމަށާއި، އެއަށްވުރެ ނުރައްކާތެރި ކެމިކަލް ހަރަކާތްތަކެއް ހިންގާކަން ކޮލަމްބިއާ ޔުނިވަރސިޓީގެ ސައިންސްވެރިން ހޯދައިފިއެވެ. އާދަޔާ ޚިލާފު މި ހޯދުމުން އެނގޭ ގޮތުގައި، ޕްލާސްޓިކްގެ ކުދިކުދި މޮލިކިއުލްތައް ފެނާ އެކުވެ، ހަށިގަނޑުގެ ސެލްތަކަށާއި ޓިޝޫތަކަށް ގެއްލުންދޭ ބާރުގަދަ މޮލިކިއުލްތަކެއް އުފައްދައެވެ. މި ކެމިކަލް ހަރަކާތްތަކުގެ ސަބަބުން މައިކްރޯޕްލާސްޓިކްއާ ގުޅުންހުރި ބޮޑެތި ސިއްޙީ މައްސަލަތައް މެދުވެރިވާ ސަބަބު ދެނެގަތުމަށް މަގުފަހިވެގެންދެއެވެ.

މީގެ ކުރިން ގަބޫލުކުރެވިފައި އޮތީ ޕްލާސްޓިކަކީ ފަސޭހައިން ކެމިކަލް ހަރަކާތްތަކެއް ނުހިންގާ، އަދި ހަމައެކަނި ޖިސްމާނީ ގޮތުން ހަށިގަނޑުގައި ހަރުލާ އެއްޗެއް ކަމަށެވެ. ނަމަވެސް، ޕްލާސްޓިކް ކުދިވެ މައިކްރޯޕްލާސްޓިކްގެ ގޮތުގައި ބަދަލުވުމުން، ފެނުގެ ތެރޭގައި ހުންނަ އިރު އޭގެ ސަތަހައިގައި ހިނގާ ކެމިކަލް ހަރަކާތްތަކުން ނުރައްކާތެރި މާއްދާތައް އުފެދެއެވެ. ލޭ އަދި ސެލްތަކުގެ ތެރޭގައި ފެން ގިނަ މާޙައުލުތަކުގައި މިފަދަ ޢަމަލުތައް ހިނގުމަކީ، ސެލްތަކަށް ލިބޭ ގެއްލުން އިތުރުވެދާނެ ކަމެކެވެ.

މި ހޯދުމަކީ ހާޓް އެޓޭކް، ސްޓްރޯކް އަދި ނާރުގެ ބަލިތައް ފަދަ ނުރައްކާތެރި ސިއްޙީ މައްސަލަތަކާއި މައިކްރޯޕްލާސްޓިކްއާ ދެމެދު އޮތް ގުޅުން އިތުރަށް ފަހުމުކޮށްދޭ ކަމެކެވެ. ސެލްތަކާއި ޓިޝޫތަކަށް ލިބޭ ކެމިކަލް ގެއްލުންތަކުގެ ސަބަބުން ދިގު މުއްދަތަކަށް ހަށިގަނޑުގެ މުހިންމު ގުނަވަންތަކުގެ މަސައްކަތަށް ބުރޫއަރައި، ސިއްޙީ ބޮޑެތި ނުރައްކާތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.

މައިކްރޯޕްލާސްޓިކްގެ ސަބަބުން އިންސާނާގެ ސިއްޙަތަށް ލިބޭ ގެއްލުންތަކުގެ އަސްލު ސަބަބު މިހާރު އިތުރަށް ސާފުވަމުން އަންނައިރު، މިއީ ކުރިމަގުގައި ސިއްޙީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ލިބުނު މުހިންމު އަލިމަގެކެވެ. ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމާއި، ރައްކާތެރި ބަފަލުތައް ހޯދުމުގެ މުހިންމުކަން މި ހޯދުމުން އިތުރަށް ހާމަވެގެންދެއެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.