ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓޫރިސްޓުން ޗުއްޓީ ހޭދަކުރާ ގޮތާއި ދަތުރުފަތުރު ޕްލޭންކުރާ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަމުންދާ ކަމަށް ގޫގުލް އިންޑިއާ އިން މިއަދު އާންމުކުރި 2026 ވަނަ އަހަރުގެ ޓްރެވަލް ޓްރެންޑްސް ރިޕޯޓުން ވަނީ ހާމަވެފައެވެ.
އާދައިގެ ގޮތަށް މަޝްހޫރު ތަންތަން ބަލާލުމަށް ކުރާ ދަތުރުތަކުގެ ބަދަލުގައި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދޭ "ވެލްނަސް ޓްރެވަލް" ހޯދާ މިންވަރު ވަނީ 1،600 ޕަސަންޓު އިތުރުވެފައެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދަތުރުވެރިންގެ މެދުގައި ކަސްރަތާއި ދުޅަހެޔޮކަމަށް ހާއްސަ "ފިޓްނަސް ޓްރިޕް" ތައް ހޯދާ މިންވަރު ވަނީ 950 ޕަސަންޓު މައްޗަށް ގޮސްފައެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ހަލަބޮލިކަމާ ދުރުވެ، ވާހަކަދެއްކުން މަދުކޮށް ހިމޭންކަމާއެކު ވަގުތު ހޭދަކުރާ "ސައިލެންޓް ރިޓްރީޓް" ތަކަށް އޮތް ޝައުގުވެރިކަން ވަނީ 150 ޕަސަންޓު އިތުރުވެފައެވެ.
އެއް ތަނެއްގައި ގިނަ ވަގުތު ހޭދަކޮށް، އެ ތަނެއްގެ މާހައުލު ރަނގަޅަށް ތަޖުރިބާކުރުމަށް ކުރާ "ސްލޯ ޓްރެވަލް" ގެ މަގުބޫލުކަން ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހަމައެއާއެކު، ދިގު ޗުއްޓީތަކަށްވުރެ ބޮޑަށް ކައިރި ހިސާބުތަކަށް ކުރާ އެއް ދުވަހުގެ ކުރު ދަތުރުތައް ހޯދާ މިންވަރު 130 ޕަސަންޓު އުފުލިފައިވާއިރު، އާންމުކޮށް މީހުން ނުދާ ފޮރުވިފައިވާ ރީތި މަންޒިލްތައް ހޯދާ މިންވަރު ވަނީ 400 ޕަސަންޓު އިތުރުވެފައެވެ.
އެކަނި ދަތުރުކުރާ "ސޯލޯ ޓްރެވަލް" އަށް އޮތް ޑިމާންޑު ބޮޑުވެފައިވާއިރު، ދަތުރުމަތީގައި އެއް ވިސްނުމެއްގެ މީހުންނާ ބައްދަލުކުރުމަށް "ޓްރެވަލް ކޮމިއުނިޓީ" ތައް ހޯދާ މިންވަރު ވެސް ވަނީ 400 ޕަސަންޓު މައްޗަށް ގޮސްފައެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދަތުރުތައް ރޭވުމަށް ކުރާ ސާޗްތައް 600 ޕަސަންޓު އިތުރުވެފައިވާ ކަމަށް ގޫގުލް އިން ބުންޏެވެ.
މި ބަދަލުތަކާއެކު ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި ހޮޓާތަކުން ވެސް އަންނަނީ ޓޫރިސްޓުންގެ އާ ބޭނުންތަކަށް ފެތޭ ގޮތަށް ހިދުމަތްތައް ބައްޓަންކުރަމުންނެވެ. ހާއްސަކޮށް ޗުއްޓީއަކީ ހަމައެކަނި ތަންތަން ބަލާލުމުގެ ބަދަލުގައި، ހަށިގަނޑާއި ސިކުނޑިއަށް އަރާމު ލިބި، އާ ތަޖުރިބާތަކެއް ކޮށްލުމަށް ހޭދަކުރާ ވަގުތަކަށް ވަމުންދާކަން މި ރިޕޯޓުން ހާމަވެއެވެ.
