ހެނދުނު ނިދިން ހޭލާއިރު މޫނާއި ލޮލުގެ ކައިރި ދުޅަވެ ފުފިފައި ހުރުމަކީ ވަރަށް ގިނަ ބަޔަކަށް ކުރިމަތިވާ އާންމު ސިއްހީ މައްސަލައެކެވެ. ސިއްހީ މާހިރުން ހާމަކުރައްވާ ގޮތުގައި، މިއީ އާންމު ގޮތެއްގައި ރޭގަނޑު ނިދާފައި އޮންނަ ވަގުތު ހަށިގަނޑުގެ ތެރޭގައި ދިޔާތަކެތި ނުވަތަ ފެން ހިފެހެއްޓުމުގެ (ފްލުއިޑް ރިޓެންޝަން) ސަބަބުން ދިމާވާ ވަގުތީ ކަމެކެވެ. ހާއްސަކޮށް ނިދުމުގެ ކުރިން ކެވޭ ލޮނު ގަދަ ކާނާ އާއި ނިދުމުގެ އާދަތަކަކީ މިކަމަށް އެންމެ ބޮޑަށް މަގުފަހިކުރުވާ ސަބަބުތަކެވެ.


މި ކަމުގެ ފަހަތުގައިވާ މައިގަނޑު ސައިންޓިފިކް ސަބަބަކީ ހަށިގަނޑުގައި ސޯޑިއަމްގެ މިންވަރު މަތިވުމެވެ. ނިދުމުގެ ކުރިން ޗިޕްސް، އިންސްޓަންޓް ނޫޑްލްސް، ޕިއްޒާ، ނުވަތަ އަސާރަ އާއި ޕާޕަރު ފަދަ ލޮނު ގަދަ ކާނާ ކެއުމުން ލޭގައި ސޯޑިއަމް ގިނަވެއެވެ. މިކަން ހަމަޔަކަށް އެޅުވުމަށްޓަކައި ހަށިގަނޑުން "ވެސޯޕްރެސިން" ކިޔާ ހޯމޯނެއް ދޫކޮށް، ކިޑްނީ މެދުވެރިކޮށް ހަށިގަނޑުގައި އިތުރަށް ފެން ހިފަހައްޓަން ފަށައެވެ. އަދި ނިދާއިރު ހަށިގަނޑު އެއްވަރަކަށް އޮށޯވެ އޮތުމުން، ހަށިގަނޑުގެ ތެރެއިން ފެން ބޭރުކޮށްދޭ ނިޒާމުގެ މަސައްކަތް ލަސްވެ، މޫނުގެ ހަން ތުނި ހިސާބުތަކުގައި ފެން ޖަމާވެ ފުފޭ ގޮތްވެއެވެ.


މީގެ އިތުރުން، ދުވާލުގެ ވަގުތުގައި އެކަށީގެންވާ ވަރަށް ފެން ނުބުއިމުގެ ސަބަބުން ހަށިގަނޑުން ފެން މަދުވެއްޖެނަމަ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހަށިގަނޑުގައި ހުންނަ ފެން ހިފަހައްޓަން ފަށައެވެ. ހަމައެއާއެކު، ނިދި މަދުވުމާއި ހާސްކަން ބޮޑުވުމުގެ ސަބަބުން އުފެދޭ "ކޯޓިސޯލް" ހޯމޯނާއި، ނިދާ ބާލީހުގައި ހުންނަ ހިރަފުހަށް އެލާޖީވުމުގެ އިތުރުން، ސައިނަސް އާއި ތައިރޮއިޑްގެ މައްސަލަތަކަކީ ވެސް ހެނދުނު މޫނު ދުޅަވުމަށް މެދުވެރިވާ ސަބަބުތަކެވެ.


މިކަމާ ގުޅޭގޮތުން މާހިރުން ވިދާޅުވަނީ، ދުވާލެއްގެ މައްޗަށް ކާން ޖެހޭ ލޮނުގެ މިންވަރު ފަސް ގްރާމަށްވުރެ މަދުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާދޭ ކަމަށެވެ. އަދި ރޭގަނޑު ނިދުމުގެ ދެ ގަޑިއިރު ނުވަތަ ތިން ގަޑިއިރު ކުރިން ކެއުން ނިންމާލުމަށާއި، ލޮނުގެ ބަދަލުގައި ލުނބޯ އަދި މިލްކު ފަދަ ގުދުރަތީ ރަހަތައް ކާނާގައި ބޭނުންކުރުމަށް އިރުޝާދު ދެއްވައެވެ. 


ހެނދުނު ހޭލާއިރު މޫނު ދުޅަވެފައި ހުންނަނަމަ، ފިނި ފެނުން މޫނު ދޮވުމާއި، ފިނި އެއްޗެއް މޫނުގައި ޖެއްސުމުގެ އިތުރުން، މަޑުމަޑުން މޫނު މަސާޖުކޮށްލުމުން އަވަހަށް ދުޅަ ތިރިވެއެވެ. އަދި ދުވާލުގެ ވަގުތުގައި ގިނައިން ފެން ބުއިމާއި، ނިދާއިރު ބޯ ކުޑަކޮށް އުސްކޮށް ބެހެއްޓުމަކީ މިކަމުން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ. ނަމަވެސް، ދުވަސް ނިމެންދެން ދުޅަ ތިރިނުވާނަމަ ނުވަތަ ތަދުވާނަމަ ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.


ހަވާލާ:

ސާލްސް، ޓީ. (2024). ވައި ޑޫ އައި ވޭކް އަޕް ވިތު އަ ޕަފީ ފޭސް. ސާޓްވާ ހެލްތު.

ދި އިންޑިއަން އެކްސްޕްރެސް. (2026). ޓޫ މަޗް ސޯލްޓް ބިފޯ ބެޑް: ހިއާސް ވަޓް ހެޕެންސް ޓު ދަ ބޮޑީ.