ރޭގަނޑު ކެއުމަށްފަހު އަރާމުކޮށްލުމުގެ ބޭނުމުގައި ވަގުތުން އޮށޯތުމަކީ ހަޖަމުކުރުމުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިކުރުވާ ނުރައްކާތެރި އާދައެއް ކަމަށް ސިއްހީ މާހިރުންނާއި ފަހުގެ ދިރާސާތަކުން ދައްކައިފިއެވެ. ކައިގެން ވަގުތުން އޮށޯތުމުގެ ސަބަބުން ބަނޑުގައި ހުންނަ އެސިޑް ކާހޮޅިއަށް އަރައި، މޭ އެންދުމާއި ބަނޑު ފުއްޕުމުގެ އިތުރުން ދިގު މުއްދަތަކަށް ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތައް ޖެހުމަށް މަގުފަހިވެއެވެ.

ކޮޅަށް ހުންނަ އިރު ނުވަތަ އިށީނދެގެން އިންނަ އިރު، ބިމަށް ދަމާ ބާރުގެ އެހީގައި ބަނޑުގައި ހުންނަ ކާނާއާއި އެސިޑް ތިރީގައި ހިފެހެއްޓިފައި ހުރެއެވެ. ނަމަވެސް ކެއުމަށްފަހު އޮށޯތުމުން މި ގުދުރަތީ އެހީތެރިކަން ކެނޑި، ކާހޮޅިއާއި ބަނޑު ގުޅޭ ދޮރު ހުޅުވިގެން ބަނޑުގައި ހުންނަ އެސިޑް މައްޗަށް އަރަން ފަސޭހަވެއެވެ. މީގެ ސަބަބުން ކާހޮޅީގެ އެތެރޭގެ ފަށަލައަށް ގެއްލުންވެ، ގޭސްޓްރޯއީސޮފެޖިއަލް ރިފްލަކްސް ޑިޒީޒް ނުވަތަ ޖީ.އީ.އާރް.ޑީ ފަދަ ބަލިތައް ކުރިމަތިވެއެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑު ކެއުމަށްފަހު އޮށޯތުމުގެ ކުރިން މަދުވެގެން 2 ގަޑިއިރާއި 3 ގަޑިއިރާ ދެމެދުގެ ވަގުތެއް ހޭދަކުރަން ޖެހެއެވެ. 2005 ވަނަ އަހަރު އެމެރިކަން ޖާނަލް އޮފް ގޭސްޓްރޯއެންޓަރޮލޮޖީގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، ކެއުމަށްފަހު 3 ގަޑިއިރު ހަމަނުވަނީސް ނިދަން އޮށޯންނަ މީހުންނަށް އެސިޑް ރިފްލަކްސް ޖެހުމުގެ ފުރުސަތު އެތައް ގުނައަކަށް އިތުރުވެއެވެ. އަދި ކޮންމެހެން އޮށޯންނަން ޖެހިއްޖެ ހާލަތެއްގައިވެސް ވާތްފަރާތަށް އޮށޯތުމަކީ ކާހޮޅިއަށް އެސިޑް އެރުން ކުޑަކޮށްދޭ ކަމެއް ކަމަށް ކްލިނިކަލް ޓްރަޔަލްތަކުން ވަނީ ސާބިތުވެފައެވެ.

2025 ވަނަ އަހަރު ސައިންޓިފިކް ރިޕޯޓްސް ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ކެއުމަށްފަހު ވަގުތުން 10 މިނެޓު ހިނގާލުމުން ހަޖަމުކުރުމުގެ މަސައްކަތް އަވަސްވުމުގެ އިތުރުން، ލޭގައި ހަކުރު ހުންނަ މިންވަރު ކުއްލިއަކަށް މައްޗަށް ދިއުން 30 މިނެޓުގެ ކަސްރަތަކާ އެއްވަރަށް ކޮންޓްރޯލް ކޮށްދެއެވެ.

ޔޭލް ޔުނިވާސިޓީގެ ޕްރޮފެސަރު އޮފް މެޑިސިން ޑރ. ޖެރަލްޑް ޝުލްމަން ފާހަގަކުރެއްވި ގޮތުގައި، ކެއުމަށްފަހު ލުއިކޮށް ހިނގާލުމުން މަސްތަކަށް ބާރުލިބި، އިންސިއުލިންގެ އެހީއާ ނުލައި ލޭގައި ހުންނަ ގްލޫކޯޒް ސެލްތަކަށް ދަމައިގަތުމަށް މަގުފަހިވެއެވެ. އެހެންކަމުން، ރޭގަނޑު ކެއުމަށްފަހު ސޯފާގައި ނުވަތަ އެނދުގައި އޮށޯތުމުގެ ބަދަލުގައި 10 މިނެޓު ހިނގާލައި، ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ނިންމާލުމަކީ ހަޖަމުކުރުމުގެ ނިޒާމާއި މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

ރިފަރެންސް:

ފުޖިވާރާ، ވައި.، މަޗިޑާ، އޭ.، ވަޓަނާބޭ، ވައި.، ޓާނީ، އެމް.، ޓޮމިނާގާ، ކޭ.، އޮޝިޓާނީ، އެން.، ... & އަރަކާވާ، ޓީ. (2005). އެސޯސިއޭޝަން ބިޓްވީން ޑިނާ ޓު ބެޑް ޓައިމް އެންޑް ގޭސްޓްރޯއީސޮފެޖިއަލް ރިފްލަކްސް ޑިޒީޒް. އެމެރިކަން ޖާނަލް އޮފް ގޭސްޓްރޯއެންޓަރޮލޮޖީ، 100(12)، 2633–2636.

ހަޝިމޯޓޯ، ކޭ.، ޑޯއީ، ކޭ.، & ޓަކާހާޝީ، އެމް. (2025). ޕޮޒިޓިވް އިމްޕެކްޓް އޮފް އަ 10 މިނެޓް ވޯކް އިމީޑިއޭޓްލީ އާފްޓާ ގްލޫކޯޒް އިންޓޭކް އޮން ޕޯސްޓްޕްރޭންޑިއަލް ގްލައިސީމިއާ. ސައިންޓިފިކް ރިޕޯޓްސް،