ނުދަންނަ މީހުންނާ އެކު ރޭގަނޑުގެ ކެއުމަކަށް ދިއުމަށް 290 ޑޮލަރު (ގާތްގަނޑަކަށް 4,471 ރުފިޔާ) ހޭދަކުރުމަކީ މިހާރު އެމެރިކާ އާއި ދުނިޔޭގެ ބޮޑެތި ސިޓީތަކުގައި ވަރަށް ބާރަށް ފެތުރެމުންދާ ޒަމާނީ ޓްރެންޑެކެވެ. އާ ރައްޓެހިން ހޯދައިދޭ އެޕްތައް މެދުވެރިކޮށް ކުރިއަށްގެންދާ މި ހަރަކާތުގައި، ޕާސަނަލިޓީ ސާވޭއެއް ފުރުމުން އެމީހަކާ ގުޅޭނެ ފަދަ އެހެން ބަޔަކާ އެކު ކެއުމުގެ ބައްދަލުވުންތައް ރާވައިދެއެވެ.
މިފަދަ ހިދުމަތްތައް ދޭ ޓައިމްލެފްޓް، ރިއަލް ރޫޓްސް އަދި 222 ފަދަ ކުންފުނިތަކުން މިހާރު ދުނިޔޭގެ 200 އަށް ވުރެ ގިނަ ސިޓީގައި މި ހިދުމަތް ފޯރުކޮށްދެމުންދާއިރު، މި ކުންފުނިތަކަށް އަހަރަކު އެތައް މިލިއަން ޑޮލަރެއްގެ އާމްދަނީ ލިބެއެވެ. މީގެ މައިގަނޑު ބޭނުމަކީ ލޯބިވެރިން ހޯދުމުގެ ބަދަލުގައި، އެކަނިވެރިކަން ފިލުވައި ދިރިއުޅުމުގައި ދެމިތިބޭނެ ފަދަ ހަގީގީ ރައްޓެހިން ހޯދުމަށް އެހީތެރިވެދިނުމެވެ
މި ހިދުމަތަށް މިހާ ބޮޑު ތަރުހީބެއް ލިބެމުންދަނީ ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން މީހުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް ހީނަރުވެ، އެކަނިވެރިކަން ބޮޑުވަމުންދާތީއެވެ. 2024 ވަނަ އަހަރުގެ މެއި މަހު ހާވާޑް ޔުނިވާސިޓީން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 21 ޕަސަންޓު މީހުންނަކީ އެކަނިވެރިކަން އިހުސާސްކުރާ މީހުންނެވެ. އަދި އޭގެ ތެރެއިން 73 ޕަސަންޓު މީހުން ގަބޫލުކުރާ ގޮތުގައި އެކަނިވެރިކަން ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ޓެކްނޮލޮޖީއެވެ.
އެމެރިކާގެ ސާޖަން ޖެނެރަލް 2023 ވަނަ އަހަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި، އިޖުތިމާއީ ގުޅުންތައް ނެތުމަކީ ދުވާލަކު 15 ސިނގިރޭޓު ބުއިމާ އެއްވަރުގެ ސިއްހީ ގެއްލުންތަކެއް ލިބޭ ކަމެކެވެ. މި ހިދުމަތް ބޭނުންކުރި އެލެގްޒެންޑްރާ ޕިޓްޒާ ނަމަކަށް ކިޔާ މީހަކު ނިއުޔޯކް ޓައިމްސްއަށް ބުނީ، އާ ރަށަކަށް ބަދަލުވުމަށް ފަހު ރައްޓެހިން ހޯދަން އުނދަގޫވެފައި ވަނިކޮށް 290 ޑޮލަރު ދައްކައިގެން ދިޔަ ކެއުމަކުން އުމުރު ދުވަހުގެ އެކުވެރިންތަކެއް ލިބިއްޖެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ނަމަވެސް، މި ވިޔަފާރީގެ މޮޑެލްއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކަސްޓަމަރުންނަށް ރަނގަޅު ރައްޓެހިން ލިބިއްޖެ ނަމަ ދެން އެ އެޕްގެ ބޭނުން ކެނޑިގެން ދިއުމެވެ. މީގެ އިތުރުން ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި އެއް ކެއުމަކުން ހަގީގީ އެކުވެރިކަން އުފައްދަން އުނދަގޫވެ، ބައެއް ފަހަރު އެ ބައްދަލުވުންތަކަކީ ވަރަށް ބީރައްޓެހި އަދި ގަދަކަމުން ގުޅުން ބަދަހިކުރަން އުޅޭ ފަދަ އިހުސާސެއް ކުރެވޭ ކަންކަމަށް ވެއެވެ.
