ކެންގަރޫ ކެއާރ އަކީ މައިމީހާ އާއި ދަރިފުޅުގެ ސިއްހަތައް ވަރަށް ފައިދާ ކުރަނިވި ކަމެކެވެ. މިޔަށް ސްކިން ޓު ސްކިން ކެއާރ އޭވެސް ކިޔައެވެ. މިއީ ހޮސްޕިޓަލް ތަކުގައިވެސް ކުރަމުން އަންނަ އާންމު ކަމެކެވެ.

މިއީ ދަރިފުޅު ވިހެއުމަށްފަހު، މައިމީހާގެ ހަމާއި ދަރިފުޅުގެ ހަމާ، އެއްވެސް ހުރަހެއް ނެތި ޖެއްސުމަށް، މައިމީހާގެ ބަނޑު މަތީ ދަރިފުޅު ބޭއްވުމެވެ. ދެމައިންގެ އެއްވެސް މައްސަލައެއް ނުވަތަ ދެމައިންނަށް އިތުރު އުނދަގުލެއް ނުވާނަމަ މިގޮތުގައި ގަޑިއެއްހާއިރު ބާއްވާލާނެއެވެ.

މިގޮތަށް ދަރިފުޅު ބާއްވާނަމަ، ދަރިފުޅުގެ ފިނިހޫނުމިން އެއްހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ. ކުޑަކުދިންނަކީ ވަރަށް ފަސޭހައިން ފިނި ވާބައެކެވެ. އެހެން ކަމުން އަބަދުވެސް ކޮންމެވެސް ވަރެއްގެ ހޫނުކަމެއް އެކުދިންނަށް ބޭނުން ވާނެއެވެ. މިއާއި އެކު މައިމީހާގެ ހަށިގަނޑުގެ މަތީގައި ދަރިފުޅު އޮތުމުން ދަރިފުޅުގެ ނޭވައިލާ ނިޒާމާއި ހިތުގެ ހިނގުން ރަނގަޅުވެއެވެ.

އަދި ދަރިފުޅުގެ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ރަނގަޅުކޮށްދީ މަތިވިޔަ ނުދީ ހިފަހައްޓައިދެއެވެ. މިއާއި އެކު ދަރިފުޅުގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި ދަރިފުޅުގެ ނިދުމަށް އެހީތެރިވެދެއެވެ. ދަރިފުޅުގެ ނަފްސާނީ ދުޅަހެޔޮކަންވެސް މިކަމުގެ ސަބަބުން އިތުރުކޮށްދެއެވެ. ހަދި ހެދިބޮޑުވުމުގައި ބޭނުންވާ ގުރޯތް ހޯމޯނުގެ މަސައްކަތް ފަހިކޮށްދެއެވެ.

ކެންގަރޫ ކެއާރގެ ސަބަބުން ދަރިފުޅަށް މައިމީހާގެ ގާތުން ބުއިމުގައި ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެން ދާނެއެވެ. ރުއިމާއި ޝަކުވާ ކުރުމުގެ ސިފަ ދަރިފުޅުގެ ކިބައިން ކަނޑުވާލުމަށް އެހީތެރިވެދެއެވެ.

މިގޮތަށް ދަރިފުޅު ބޭއްވުމުން މައިމީހާއަށްވެސް ބޮޑެތި ފައިދާ ތަކެއް ކުރެއެވެ. އެގޮތުން އަވަހަށް މަސްތުރަވުމަކީ މިކަމުން މައިމީހާއަށް ލިބޭ އެއް ފައިދާއެވެ. އަދި މައިމީހާއަށް ކިރު އެރުމަށް ބޭނުންވާ ހޯމޯނުގެ މަސަައްކަތް އަވަސްކޮށްދެއެވެ. އެހެން ކަމުން ދަރިފުޅަށް ބޭނުންވާ މިންވަރަށް ކިރު ނުއުފެދޭކަމުގެ ޝަކުވާ ކުރާކަށް ނުޖެހޭނެއެވެ.

ހަމައެއާއިއެކު ވިހެއުމަށްފަހު އަންނަ ލޭ އަވަހަށް މަނާކޮށްދިނުމަށްވެސް މިކަމުން އެހީތެރިވެދެއެވެ. މަައިމީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދީ ދަރިފުޅާއި މެދު އޮންނަ ގުޅުން އިތުރައް ވަރުގަދަވެ، ހަރުދަނާވާނެއެވެ. މީގެ އިތުރުން މައިމީހާގެ ނިދުމަށްވެސް ލުއިތަކެއްލިބި، ދަރިފުޅާއި މައިމީހާގެ އާދަތައް ދިމައިވާން މަގުފަހިކޮށްދެއެވެ. 

މިއިން ކޮންމެ ކަމެއްގައިވެސް ފޮރުވިފައިވާ އެތައް ސިއްރުތަކަކާއި ހަގީގަތްތަކެއް ވާނެއެވެ. އަހަރެމެން ގަބޫލުކުރަންވީ މައިވަންތަ ލޯތްބަކީ އާދަޔާހިލާފު ލޯތްބެއް ކަމެވެ. މިކަމުގައި ވަނީ މާތް ﷲ ގެ ކުޅަދުންވަންތަކަމާއި ފަޟުޟަވަންތަކަމެވެ. 

ކަން މިހެން ހުރުމާއި އެކު ކޮންމެ މަޔަކީވެސް މިފަދައިން އެމީހުންގެ ދަރިންނާއިމެދު އަމަލު ކުރާނޭ ބަޔަކަށްވުން ވަރަށްވެސް މުހިންމެވެ.