މިދުވަސްވަރު ދިވެހިރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ޖައްވު ފުސްވެ، ދުރުފެންނަ މިންވަރު ދަށްވެފައިވަނީ ގުދުރަތީ ފިނި ދުންފިނީގެ ސަބަބުންނެއް ނޫނެވެ. ސައިންޓިފިކް ގޮތުން މިއީ "ޓްރާންސްބައުންޑަރީ އެއަރ ޕޮލިއުޝަން" ނުވަތަ އެއް ގައުމުން އަނެއް ގައުމަށް ވައިގެ ޒަރީއާއިން ދަތުރުކުރާ ވައި ނުސާފުވުމުގެ އަސަރެކެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކުރާ ގޮތުގައި، މި ނުސާފު ވައިގަނޑުގެ ސަބަބަބުން ބައެއް ސަރަހައްދުތަކުގައި ދުރުފެންނަ މިންވަރު 1.5 އާއި 2 ކިލޯމީޓަރަށް ވުރެ ދަށަށް ގޮސްފައިވާއިރު، މިއީ އިރުވައި މޫސުމުގެ ވައި ޖެހެން ފެށުމާއެކު ދެކުނު އޭޝިއާގެ ސަރަހައްދުން ރާއްޖެއަށް ފޯރާ ވިހަ ކުނޑިތަކެއްގެ ސަބަބުން ދިމާވާ ކަމެކެވެ.
މި ވައި ނުސާފުވުމުގެ އަސްލު ފެށެނީ ދެކުނު އޭޝިއާގެ ބައްރު، ހާއްސަކޮށް އުތުރު އިންޑިއާގެ އިންޑޯ-ގެންޖެޓިކް ޕްލެއިންސް، ދިއްލީ، ޕަންޖާބު، ހަރިޔާނާ އަދި ހިމާލަޔާ ފަރުބަދަތަކުގެ ތިރީ ސަރަހައްދުތަކުންނެވެ. މޫސުމީ ސައިންސްވެރިން މި ވިހަ ވައިގަނޑަށް "ސައުތު އޭޝިއަން އެޓްމޮސްފެރިކް ބްރައުން ކްލައުޑް" ގެ ނަމުން ނަންދީފައިވެއެވެ.
އިންޑިއަން އޯޝަން އެކްސްޕެރިމެންޓް އަދި އދ. ގެ އެންވަޔަރަންމަންޓް ޕްރޮގްރާމް ގެ ދިރާސާތަކުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާގެ ދަނޑުވެރިން ގޮވާން ކެނޑުމަށްފަހު ދަނޑުތަކުގައި ހުންނަ ހުއިތައް އެންދުމާއި، ކާރުހާނާތަކާއި އިންޖީނުލީ އުޅަނދުތަކުން ބޭރުވާ ދުމުގެ ސަބަބުން އުފެދޭ ކަޅު ކާބަން އަދި ސަލްފޭޓް ފަދަ ވިހަ މާއްދާތައް، ފިނި މޫސުމުގައި ބިމާ ކައިރީގައި ތާށިވެ ބޮޑު ދުންގަނޑަކަށް ބަދަލުވެއެވެ.
މި ވިހަ ދުންގަނޑު ރާއްޖެއާ ހަމައަށް ފޯރަނީ އިރުވައި މޫސުމުގެ ވައިގެ މިސްރާބު ބަދަލުވުމާ ގުޅިގެންނެވެ. ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށުމާއެކު، ހިމާލަޔާ ސަރަހައްދުން އަންނަ ވައި ބޭ އޮފް ބެންގާލް ހުރަސްކޮށް އިރުއުތުރުން ހުޅަނގުދެކުނަށް، ސީދާ ދިވެހިރާއްޖޭގެ އަތޮޅުތަކުގެ މަތިން ދަތުރުކުރެއެވެ. ރާއްޖޭގެ ވައިގެ ކޮލިޓީއާ ގުޅޭގޮތުން ކޮށްފައިވާ ސައިންޓިފިކް ދިރާސާތަކުން ހާމަވާ ގޮތުގައި، އިރުވައި މޫސުމުގައި މާލެއާއި އަތޮޅުތަކުގެ ޖައްވުގައި ހުންނަ ނުސާފު ކުނޑި ނުވަތަ "ޕީ.އެމް 2.5" ގެ 75 އިންސައްތައާއި 90 އިންސައްތައާ ދެމެދުގެ މިންވަރަކީ ރާއްޖެއިން ބޭރުން ވައިގެ ޒަރީއާއިން އަންނަ ތަކެއްޗެވެ. އަދި މި ދުވަސްވަރު ވާރޭވެހުން މަދުވުމުގެ ސަބަބުން، ޖައްވުގައި ހުންނަ މި ކުނޑިތައް ދޮވެވިގެން ބިމަށް ފޭބުމުގެ ފުރުސަތު ކުޑަވެ، އެތައް ދުވަހެއް ވަންދެން ޖައްވުގައި ހަރުލާފައި ހުރެއެވެ.
ވައި ނުސާފުވުމުގެ މިންވަރު ދެނެގަތުމަށް ބޭނުންކުރާ "އެއަރ ކޮލިޓީ އިންޑެކްސް" ގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު މާލެ، ކުޅުދުއްފުށި، ފުނަދޫ އަދި ކުޑަހުވަދޫ ފަދަ ރަށްރަށުގެ އޭ.ކިއު.އައި ވަނީ 150 އާއި 174 އާ ދެމެދުގެ ނުރައްކާތެރި މިންވަރަކަށް އުފުލިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ގެ މިންގަނޑުތަކުން ބަލާއިރު، ވައިގައި ހުންނަ ޕީ.އެމް 2.5 ގެ މިންވަރު 24 ގަޑިއިރުގެ ތެރޭގައި ހުންނަންޖެހޭ ރައްކާތެރި މިންވަރަކީ ކޮންމެ ކިއުބިކް މީޓަރަކަށް 15 މައިކްރޯގްރާމަށް ވުރެ ދަށުގައެވެ. ނަމަވެސް ރާއްޖޭގެ މޮނިޓަރިންގ ސްޓޭޝަންތަކުން މި މިންވަރު ވަނީ ސަލާމަތީ މިންގަނޑަށް ވުރެ އެތައް ގުނައެއް މައްޗަށް ގޮސްފައިކަން އައި.ކިއު.އެއަރ ގެ ރެކޯޑުތަކުން ސާބިތުވެއެވެ.
މި ވައިގައި ހިމެނޭ ޕީ.އެމް 2.5 އަކީ ގާތްގަނޑަކަށް 30 ގުނަ ކުދި، ލޮލަށް ނުފެންނަ ވަރުގެ ހިމުން ކުނޑިތަކެކެވެ. މި ކުނޑިތައް ކުދިވުމުގެ ސަބަބުން ނޭފަތާއި ކަރުގެ ދިފާއީ ނިޒާމު ފަހަނައަޅައި ގޮސް، ސީދާ ފުއްޕާމޭގެ އެންމެ އެތެރޭގެ ވައިކޮތަޅުތަކަށް ވާސިލުވެ، ލޭގެ ތެރެއަށް ވެސް އެކުވެއެވެ. ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި ވައިގައި ޕީ.އެމް 2.5 ހުންނަ މިންވަރު ކޮންމެ 10 މައިކްރޯގްރާމަކަށް އިތުރުވުމުން، ނޭވާލާ ނިޒާމާއި ހިތުގެ ބަލިތަކުގެ ސަބަބުން މަރުވާ ނިސްބަތް 13 އިންސައްތަ އިތުރުވެއެވެ. މީގެ ސަބަބުން ނޭވާހިއްލުން، ފުއްޕާމޭގެ ބަލިތައް، ހިތުގެ ބަލިތައް ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުން، މާބަނޑު އަންހެނުން އަދި ކުޑަކުދިންނަށް ނުރައްކާ ބޮޑުވެއެވެ.
މި ނުރައްކާތެރި ހާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ހާއްސަ އިރުޝާދުތަކެއް ނެރެފައެވެ. އޭގެ ތެރޭގައި ވައި ނުސާފު ވަގުތުތަކުގައި ބޭރުގައި ގިނަވަގުތު ހޭދަނުކުރުމާއި، ބޭރުގައި ކަސްރަތުކުރުމާއި ކުޅިވަރު ކުޅުން މަދުކުރުން ހިމެނެއެވެ. އަދި ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި، އާދައިގެ ފޮތި މާސްކުގެ ބަދަލުގައި ޕީ.އެމް 2.5 ފުރާނާލެވޭ ފަދަ "އެން.95" ނުވަތަ "އެޗް.އެން.95" މާސްކު އެޅުމަށް ސިއްހީ މާހިރުން ލަފާދެއެވެ. މީގެ އިތުރުން ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމަށްޓަކައި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ހެޕާ ފިލްޓަރު ހުންނަ އެއަރ ޕިއުރިފަޔަރ ބޭނުންކުރުމަކީ ރައްކާތެރި ފިޔަވަޅުތަކެކެވެ.
މި މައްސަލައަކީ ހަމައެކަނި ރާއްޖެއަށް އެކަނި ހައްލުކުރެވޭނެ ކަމަކަށް ނުވާތީ، ސަރަހައްދީ ފެންވަރުގައި މިކަމަށް ހައްލު ހޯދުމަށް 1998 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްނެގުމާއެކު "މާލޭ ޑިކްލަރޭޝަން އޮން ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޮފް އެއަރ ޕޮލިއުޝަން އެންޑް އިޓްސް ލައިކްލީ ޓްރާންސްބައުންޑަރީ އިފެކްޓްސް ފޮރ ސައުތު އޭޝިއާ" ގައި ދެކުނު އޭޝިއާގެ 8 ގައުމަކުން ވަނީ ސޮއިކޮށްފައެވެ. ނަމަވެސް ސަރަހައްދީ ގައުމުތަކުގައި އުފެދޭ ވިހަ ދުން މަދުކުރުމަށް އެކަށީގެންވާ އަމަލީ ފިޔަވަޅުތަކެއް ނޭޅޭހާ ހިނދަކު، ކޮންމެ އަހަރެއްގެ އިރުވައި މޫސުމާއެކު މި ތިމާވެށީގެ އަދި ސިއްހީ ގޮންޖެހުމާ ދިވެހިން ކުރިމަތިލާން ޖެހޭނެއެވެ.
ހަވާލާ:
. ހެލްތު ޕްރޮޓެކްޝަން އެޖެންސީ. (2026، ނޮވެމްބަރު 23). ޕަބްލިކް ހެލްތު އެޑްވައިޒަރީ އޮން ޓްރާންސްބައުންޑަރީ ހޭޒް އެންޑް ޕުއަރ އެއަރ ކޮލިޓީ އިން ދަ މޯލްޑިވްސް. މިނިސްޓްރީ އޮފް ހެލްތު، ދިވެހިރާއްޖެ.
. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް. (2026، ނޮވެމްބަރު 20). ވެދަރ އެޑްވައިޒަރީ: ޑިޓީރިއޯރޭޓިންގ ވިޒިބިލިޓީ އެންޑް ހޭޒް ކޮންޑިޝަންސް އޯވަރ ނޯދަން އެންޑް ސެންޓްރަލް އެޓޯލްސް. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ.
. ރާމަނާތަން، ވީ.، ކްރޫޓްޒެން، ޕީ. ޖޭ.، ލެލީވެލްޑް، ޖޭ.، މިތުރާ، އޭ. ޕީ.، އަލްތައުސެން، ޑީ.، އެންޑަސަން، ޖޭ.، އެންޑްރިއޭ، އެމް. އޯ.، ކެންޓްރެލް، ޑަބްލިޔު.، ކާސް، ޖީ. އާރް.، ޗަންގް، ސީ. އީ.، ކްލާކް، އޭ. ޑީ.، ކޯކްލީ، ޖޭ. އޭ.، ކޮލިންސް، ޑަބްލިޔު. ޑީ.، ކޮނަންޓް، ޑަބްލިޔު. ސީ.، ޑުލަކް، އެފް.، ހެއިންޓްޒެންބާގް، ޖޭ.، ހޭމްސްފީލްޑް، އޭ. ޖޭ.، ހޯލްބެން، ބީ.، ހޮވެލް، އެސް.،. ވަލޭރޯ، އެފް. ޕީ. ޖޭ. (2001). އިންޑިއަން އޯޝަން އެކްސްޕެރިމެންޓް: އެން އިންޓަގްރޭޓެޑް އެނަލިސިސް އޮފް ދަ ކްލައިމެޓް ފޯސިންގ އެންޑް އިފެކްޓްސް އޮފް ދަ ގްރޭޓް އިންޑޯ-އޭޝިއަން ހޭޒް. ޖާނަލް އޮފް ޖިއޯފިޒިކަލް ރިސާޗް: އެޓްމޮސްފިއާސް، 106(ޑ22)، 28371–28398.
. ސައުތު އޭޝިއާ ކޯ-އޮޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް. (1998). މާލޭ ޑިކްލަރޭޝަން އޮން ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޮފް އެއަރ ޕޮލިއުޝަން އެންޑް އިޓްސް ލައިކްލީ ޓްރާންސްބައުންޑަރީ އިފެކްޓްސް ފޮރ ސައުތު އޭޝިއާ. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް.
. ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް، އަދި ސެންޓަރ ފޮރ ކްލައުޑްސް، ކެމިސްޓްރީ އެންޑް ކްލައިމެޓް. (2002). ދަ އޭޝިއަން ބްރައުން ކްލައުޑް: ކްލައިމެޓް އެންޑް އަދަރ އެންވަޔަރަންމަންޓަލް އިމްޕެކްޓްސް. ޔޫ.އެން.އީ.ޕީ އެސެސްމަންޓް ރިޕޯޓް.
. ވަރލްޑް ހެލްތު އޯގަނައިޒޭޝަން. (2021). ޑަބްލިޔު.އެޗް.އޯ ގްލޯބަލް އެއަރ ކޮލިޓީ ގައިޑްލައިންސް: ޕާޓިކިއުލޭޓް މެޓަރ (÷ޟ2.5 އެންޑް ÷ޟ10)، އޯޒޯން، ނައިޓްރޯޖަން ޑައިއޮކްސައިޑް، ސަލްފަރ ޑައިއޮކްސައިޑް އެންޑް ކާބަން މޮނޮކްސައިޑް. ވަރލްޑް ހެލްތު އޯގަނައިޒޭޝަން.
