2044 ވަނަ އަހަރު ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު، ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ. ވޯލްޑް ބޭންކުން މި މަހު ނެރުނު "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މި ލަނޑުދަނޑިއަށް ވާސިލުވެވޭނީ 2013 އިން 2023 އަށް އިގްތިސާދު ކުރިއެރި ނިސްބަތުގައި ހިފެހެއްޓިއްޖެ ނަމަ އެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހިލާފަށް އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ގާބިލުކަން އޮތީ ހަމައެކަނި ރާއްޖެއަށެވެ. އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގެ އާބާދީ މުސްކުޅިވާއިރު އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ވަރަށް ދަށުގައި ކަމަށް ލަފާކޮށްފައިވާއިރު، 2030 ގައި މުސްކުޅި އާބާދީއަކަށް ބަދަލުވާ ސްރީ ލަންކާ އޮތީ މާލީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަމަށް ރިޕޯޓުގައިވެ އެވެ.

ނަމަވެސް، ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ހަލުވި މިނުގައި އާބާދީ މުސްކުޅިވަމުންދާ އެއް ގައުމަކީ ރާއްޖެ ކަމަށް ވާތީ، 2044 ގެ ކުރިން އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި އިސްލާހުތަކެއް ނުގެނެސްފި ނަމަ، ތަނަވަސް ގައުމަކަށް ވުމަށް އޮތް ހަނި ފުރުސަތު ގެއްލިދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ވަނީ ދީފަ އެވެ. ދެކުނު އޭޝިއާގެ އެވްރެޖް ގައުމެއް މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާއިރު، ރާއްޖޭގައި މި ބަދަލު އަންނާނީ އެންމެ 13 އަހަރުގެ ތެރޭގަ އެވެ.

މި ބަދަލާ އެކު ރާއްޖޭގެ އާބާދީގެ ހަތް ޕަސަންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވެ، 2033 ގެ ފަހުން މަސައްކަތްކުރާ އުމުރުގެ އާބާދީގެ ނިސްބަތް ދަށްވާން ފަށާނެ އެވެ. އަދި އާބާދީގެ 14 ޕަސަންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، 2050 އާ ހަމައަށް ދާއިރު މި ނިސްބަތް 20 ޕަސަންޓަށް ވުރެ މައްޗަށް އަރާނެ ކަމަށް ވޯލްޑް ބޭންކުގެ ހިސާބުތަކުން ދައްކަ އެވެ.

އެހެންކަމުން، ދައުލަތުގެ ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ޕްރައިމަރީ ހެލްތު ކެއާ ނިޒާމެއް ގާއިމުކުރުމާއި، އަންހެނުންނާއި އުމުރުން ދުވަސްވާ މީހުން ވަޒީފާގެ ބާޒާރުގައި ޝާމިލުކުރުން އިތުރުކުރުމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ. މީގެ އިތުރުން، ޒުވާނުންނަށް ޒަމާނީ ހުނަރުތައް ދަސްކޮށްދީ އަމިއްލަ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފުޅާކުރުމަށާއި، ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ވޯލްޑް ބޭންކުން ގޮވާލާފައިވެ އެވެ.