ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން، މުޖުތަމައަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް އުރީދޫން ކުރާ މަސައްކަތްތައް ފާހަގަކޮށް "އެމްވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026" ގައި އެ ކުންފުންޏަށް "ކޯޕަރޭޓް ޗޭންޖްމޭކާސް އެވޯޑް" ލިބިއްޖެ އެވެ.

އުރީދޫން ބުނި ގޮތުގައި މިއީ ސިއްހީ ފަރުވާ ހޯދުމުގެ މަގު ތަނަވަސްކޮށްދިނުމަށާއި އަސާސީ ބޭސްފަރުވާގެ ހިދުމަތްތަކަށް އެއްބާރުލުން ދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ސިއްހަތާއި ދުޅަހެޔޮކަން އިތުރުކުރުމަށް އެ ކުންފުނިން ކުރާ ދެމެހެއްޓެނިވި މަސައްކަތްތަކުގެ އަގުވަޒަން ކުރުމަށް ދިން އެވޯޑެކެވެ. 

ރާއްޖޭގެ ޖިއޮގްރަފީ ގޮތުން ހުރި ގޮންޖެހުންތަކާއި ވަގުތުން ވަގުތަށް ސިއްހީ ފަރުވާ ލިބުމުގެ މުހިންމުކަން ދެނެގަނެ، ސިއްހީ ދާއިރާގެ މުހިންމު ބޭނުންތަކަށް އެހީތެރިވުމުގެ ގޮތުން އުރީދޫން ވަނީ ގިނަ މަސައްކަތްތަކެއް ފަށާފަ އެވެ. އެގޮތުން އެއާ އެމްބިއުލާންސާއި ސީ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ރަށްރަށުގެ މުޖުތަމައުތަކަށް ކޮންމެހެން ބޭނުންވާ ހެލްތު ކިޓްތައް ބެހުން ހިމެނޭ ކަމަށް އެ ކުންފުނިން ފާހަގަކުރެ އެވެ. 

"ކޯޕަރޭޓް ޗޭންޖް މޭކާސް އެވޯޑުން ހާމަވެގެންދަނީ، ކުންފުނިތަކުގެ ޒިންމާއަކީ ހަމައެކަނި ވިޔަފާރީގެ މުއާމަލާތްތަކަށް ވުރެ ފުޅާ އެއްޗެއް ކަމަށާއި އިޖުތިމާއީ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރަންޖެހޭ ކަމަށް އުރީދޫ ރާއްޖެއިން ގަބޫލުކުރާ ގަބޫލުކުރުމެވެ،" އުރީދޫން ބުންޏެވެ.

ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން މުއްސަނދި ކޮށްދިނުމަށް ވެފައިވާ ވައުދުގެ ދަށުން، ހަމައެކަނި މުވާސަލާތީ ގުޅުން ފޯރުކޮށްދިނުމުގެ އިތުރުން، މުޖުތަމައަށް ފައިދާ ހުރި ހަރަކާތްތަކަށް އިންވެސްޓް ކުރުމުގައި ދެމިއޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ސިއްހީ ދާއިރާ އާއި ތައުލީމާއި ތިމާވެށި ހިމާޔަތްކުރުމަށް ދެމުންދާ ސަމާލުކަމާ އެކު، ވިލުންތެރި އަދި ދެމެހެއްޓެނިވި މުސްތަގުބަލެއް ބިނާކޮށްދިނުމަށް އުރީދޫން ކަނޑައަޅާފައިވާ އަޒުމު މި ލިބުނު ޝަރަފުގެ ސަބަބުން އިތުރަށް ވަރުގަދަވެގެންދާ ކަމަށް ވެސް އުރީދޫން ބުންޏެވެ.