އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.


މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބަޖެޓު ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 78 މެންބަރުންގެ ތެރެއިން 65 މެންބަރުން ވަނީ ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވައިފަ އެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 13 މެންބަރުންނެވެ.


ބަޖެޓު ދިރާސާކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން 23 އިސްލާހެއް ހުށަހެޅުއްވި ނަމަވެސް، މަޖިލީހުގެ ގަވާއިދަށް ފެތޭ ކަމަށް ރިޔާސަތުން ކަނޑައެޅީ އޭގެ ތެރެއިން އެންމެ ހަތް އިސްލާހެވެ. ނަމަވެސް، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ މަޖިލީހުގައި އެ އިސްލާހުތަކަށް ވޯޓަށް އެހުމުން އެންމެ އިސްލާހެއް ވެސް ފާސްވެފައެއް ނުވެ އެވެ.


އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޖުމްލަ ހަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދެވެ. މިއީ މުޅި ބަޖެޓުގެ ގާތްގަނޑަކަށް 71.5 ޕަސަންޓެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.


މީގެ އިތުރުން، އަންނަ އަހަރު ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. މިއީ މި އަހަރު ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ 1.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 77 ޕަސަންޓް ނުވަތަ 33.6 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އެވެ.


ފާސްކުރި ބަޖެޓުގެ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ ކަމަށް ވާއިރު، އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި އަންނަ އަހަރު ރާއްޖޭގެ ޖީޑީޕީ 129.5 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ވެސް ބަޖެޓުގައި އަންދާޒާކޮށްފައިވެ އެވެ.