އަންނަ އަހަރު އިސްކަންދޭނީ މިހާރު ފަށާފައިވާ މަޝްރޫއުތައް ނިންމުމަށް ކަމަށާއި އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރަށް ވުރެ ކުޑަކޮށް ދައުލަތުގެ ބަޖެޓް ހުށަހަޅާފައި އޮތް ނަމަވެސް އެ ބަޖެޓް ފަރުމާކޮށްފައި ވަނީ ފަށާފައި ހުރި މަޝްރޫއުތައް ނިންމަން ފަސޭހަވާނެ ގޮތަށް ކަމަށެވެ. އަދި ފަށާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލ. ކުނަހަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައި އޮތުމުން އެ މަސައްކަތް ފެށޭނެ ދުވަހަކާ ބެހޭ ގޮތުން މެންބަރު ޝާކިރު ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި ޕްރޮޖެކްޓްތައް ހުއްޓާލުމަށް ފަހު އާ މަޝްރޫއުތައް ފެށުމުގެ ފުރުސަތު މި ސަރުކާރަށް އޮތް ކަމަށެވެ. އެހެން ނަމަވެސް، އެ މަޝްރޫއުތަކަކީ ސަރުކާރުގެ ދޮންދަރިން ކަމަށް ހަދައި އެއްކައިރި ކޮށްލުމުގެ ބަދަލުގައި، އަމިއްލަ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި ދެކިގެން ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މި އަންނަ އަހަރުގެ ބަޖެޓް ކުޑަވެފައި އޮތް ނަމަވެސް އަންނަ އަހަރު އާ ޕްރޮޖެކްޓްތައް ފެށުން ވަރަށް ބޮޑަށް މަދުވާނެ. އަންނަ އަހަރުގެ ބަޖެޓް ފަރުމާކުރެވިފައި ވަނީ މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިންމުމަށް،" މިނިސްޓަރު މުއްތަލިބް ވިދާޅުވި އެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތަކެއް ކުރީގެ ސަރުކާރުން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައި އޮތް ނަމަވެސް، އެކަމަށް ބޭނުންވާ ފައިސާ ނުލިބުމުގެ ސަބަބުން ފަހުން އެ މަސައްކަތްތައް އާމްދަނީ ލިބޭ ކުންފުންޏެއް ކަމަށްވާ އެމްޑަބްލިއުއެސްސީއާ ހަވާލުކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެމްޑަބްލިއުއެސްސީއަށް ވެސް ފުރަތަމަ ކޮޅު ފައިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވި ނަމަވެސް، މިހާރު އެ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މުއްތަލިބް ވިދާޅުވި އެވެ.
