ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް 1 ގައި 35 އީ-ގޭޓް ގާއިމުކޮށް، އިންޓަނޭޝަނަލް ދަތުރުވެރިންނަށް އެ ހިދުމަތް ރަސްމީކޮށް ފުޅާކޮށްފިއެވެ. ރާއްޖޭގެ އިމިގްރޭޝަނާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެން ފެށި މި ހިދުމަތް އިފްތިތާހުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާނެވެ.


މި ބަދަލާއެކު، ކުރިން ހަމައެކަނި ދިވެހި ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ލިބެމުން އައި މި ހިދުމަތް، ކަނޑައެޅިފައިވާ 31 އެއާލައިނަކުން ދަތުރުކުރާ 39 ގައުމެއްގެ ޝަރުތުހަމަވާ ޓޫރިސްޓުންނަށް މިހާރު ލިބޭނެއެވެ. ވީއައިއޭގައި ގާއިމުކޮށްފައިވާ 35 އީ-ގޭޓްގެ ތެރޭގައި ރާއްޖެ އަންނަ ފަސިންޖަރުންނަށް ހާއްސަ 20 ގޭޓާއި، ފުރާ ފަސިންޖަރުންނަށް ހާއްސަ 15 ގޭޓް ހިމެނެއެވެ.


މި ނިޒާމުގެ ތެރެއިން ޝަރުތުހަމަވާ އިލެކްޓްރޯނިކް ޕާސްޕޯޓް ބޭނުންކުރާ ދަތުރުވެރިންނަށް ރާއްޖެއަށް އަންނަ އިރާއި ފުރާ އިރު ވެސް އޮޓޮމޭޓެޑް ނިޒާމުގެ ދަށުން އިމިގްރޭޝަން މަރުހަލާ އަވަހަށް ފުރިހަމަކުރެވޭނެއެވެ. މި ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، އެމިރޭޓްސްގެ ފްލައިޓަކުން ރާއްޖެ އައި ފަސިންޖަރަކު ވަނީ އީ-ގޭޓް މެދުވެރިކޮށް އިމިގްރޭޝަން ފުރިހަމަކޮށްފައެވެ.


މި ހިދުމަތް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފްގެ އިތުރުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން (ރިޓަޔާޑް) އަހުމަދު ފަސީހް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކެބިނެޓް މިނިސްޓަރުންނާއި ދައުލަތުގެ އިސްވެރިން ވެސް މި ހަފްލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.


ސަރުކާރުގެ "ރާއްޖެ 2.0" ސިޔާސަތުގެ ދަށުން ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އާންމު ހިދުމަތްތައް ހަލުވިކުރުމަށް އެޅުނު މި ފިޔަވަޅާއެކު، އެއާޕޯޓުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާވާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ. އަދި މީގެ ސަބަބުން ދަތުރުވެރިންނަށް ފުރިހަމަ ތަޖުރިބާއެއް ލިބި، ރާއްޖެއަކީ ޑިޖިޓަލް ގޮތުން ކުރިއަރާފައިވާ އިންޓަނޭޝަނަލް ޓޫރިޒަމް މަންޒިލަކަށް ހެދުމަށް ކުރާ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.