ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އާއި ޗައިނާ އެއިޑްގެ އެހީތެރިކަމާ އެކު، ރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ އާންމު ސިއްހަތުގެ އަސާސީ 12 ހިދުމަތް ކަނޑައަޅައި މެޕްކުރުމުގެ މަސައްކަތް މާލޭގައި ފަށައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އިސްނަގައިގެން ކުރިއަށްގެންދާ "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީ.ޕީ.އެޗް.އެފް) އާ ގުޅޭ ފުރަތަމަ ގައުމީ މަސައްކަތު ބައްދަލުވުން މީރުމާ އިވެންޓްސް ހޯލުގައި އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީ އެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އާއި ޑަބްލިޔު.އެޗް.އޯ އަދި ޗައިނާ އެއިޑް ގުޅިގެން އިންތިޒާމުކުރާ މި ބައްދަލުވުމަކީ މީހުން ބަލިވުމުގެ ކުރިން މުޅި މުޖުތަމައު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަމަޖެހިފައިވާ އުސޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ފެށި މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ބިނާކޮށްފައިވަނީ ޑަބްލިޔު.އެޗް.އޯ އިން އެކުލަވާލާފައިވާ 12 އީ.ޕީ.އެޗް.އެފް ގެ މައްޗަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ދަނީ ބައިވެރިވަމުންނެވެ. ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިންގެ އިތުރުން ޑަބްލިޔު.އެޗް.އޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މެޑަމް ޕޭޑެން އާއި ޗައިނާ އެމްބަސީގެ މަންދޫބު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ 12 އީ.ޕީ.އެޗް.އެފް ރާއްޖޭގެ ހާލަތާ ގުޅުވައި ކަނޑައެޅުމާއި، މި ހިދުމަތްތައް ފޯރުކޮށްދޭނީ ކޮން ފަރާތްތަކަކުންކަމާއި ކޮން ތަންތަނަކުންކަން ދެނެގަތުމެވެ. ޑަބްލިޔު.އެޗް.އޯ ގެ ފަންނީ އެހީތެރިކަމާ އެކު އެޗް.ޕީ.އޭ އިން ކުރިއަށްގެންދާ މި މަސައްކަތުގެ ތެރެއިން ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް އެއްކުރެވިގެންދާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގެ ނަތީޖާއެއްގެ ގޮތުން 'ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031' އެކުލަވާލެވިގެންދާނެއެވެ. މީގެ އިތުރުން، އާންމު ސިއްހަތުގެ ދާއިރާއާ ގުޅުންހުރި ގައުމީ އެހެނިހެން ޕްލޭންތައް އެކުލަވާލުމަށްވެސް މި މަސައްކަތުގެ ސަބަބުން ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.