ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ޝަރަފުވެރިކޮށްދެއްވި ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މިމަހުގެ 22 އިން 24 އަށް މާލޭގައި ހުންނަ ޔޫތު ހަބްގެ ހޯލުގައި ކުރިއަށްދިޔަ މި ކޮންފަރެންސަކީ ޒުވާނުންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރެއްގައި ބޭއްވި ފުރަތަމަ މެންޓަލް ހެލްތު ކޮންފަރެންސެވެ. ޖުމްލަ 84 ބައިވެރިންނާ އެކު ކުރިއަށްގެންދިޔަ މި ކޮންފަރެންސްގެ ޝިއާރަކީ "ލިވްޑް އެކްސްޕީރިއަންސަސް ހާޑް: ރިއަލް ވޮއިސަސް، ރިއަލް ޗޭންޖް" އެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ގައުމީ ފެންވަރުގައި ނަފްސާނީ ދުޅަހެޔޮކަމުގެ ސިޔާސަތުތައް އެކުލަވައިލުމުގައްޔާއި، މުޖުތަމައުގެ ތެރެއިން ހައްލު ހޯދުމުގައި ޒުވާނުންނަކީ މައިގަނޑު ބައިވެރިން ކަމުގައި ހެދުމެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޒުވާނުންގެ 18.8 ޕަސަންޓު ކުދިން ޑިޕްރެޝަންގެ އަލާމާތްތައް ތަހައްމަލު ކުރަމުންދާ އިރު، ނަފްސާނީ ދުޅަހެޔޮކަމަކީ ގައުމީ ފެންވަރުގައި އަވަސް ހައްލެއް ބޭނުންވެފައިވާ މުހިންމު މައްސަލައެކެވެ.

"ޒުވާނުންނާ ގުޅޭ އެއްވެސް ނިންމުމެއް ޒުވާނުންގެ އަޑުނާހައި ނުނިންމުން" މި އުސޫލުގެ މަތިން ބޭއްވި މި ކޮންފަރެންސަކީ، ނިންމުންތައް ނިންމުމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ. އަދި މިއީ ސަރުކާރާއި ޒުވާނުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ގައުމީ ސިޔާސަތުތަކަށް ޒުވާނުންގެ ހިޔާލު ސީދާ ގޮތެއްގައި ގެނައުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ކޮންފަރެންސްގައި ސްޓޭކް ހޯލްޑަރުންގެ ގޮތުގައި ހެލްތު މިނިސްޓްރީ، ނެޝަނަލް މެންޓަލް ހެލްތު ސެންޓަރު، ނެޝަނަލް ޑުރަގު އެޖެންސީ، އިސްލާމިކް މިނިސްޓްރީ، ފުލުހުންގެ ހިދުމަތް، ހުޅުމާލެ ހޮސްޕިޓަލް، މައިންޑްކޯ އަދި ސެންޓަ ފޯ މެންޓަލް ހެލްތު ބައިވެރިވިއެވެ. މިއަހަރުގެ ނެޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސްގެ އޮފިޝަލް ޕާޓުނަރަކީ އުރީދޫ ރާއްޖެއެވެ.