ހުޅުމާލޭ ޖަލުން 5 ބިދޭސީންނާ ގައިދީއެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ކަރެކްޝަންސް އިން ބުނީ ޕޮޒިޓިވްވެފައިވަނީ 5 ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއެއް ކަމަށެވެ. އަދި މިއީ އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ފުރުވާލެވެންދެން ބޭތިއްބިފައިވާ ބިދޭސީން ކަމަށެވެ.

އެމީހުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެޗްޕީއޭ އިން އަންގާފައިވާ ކަމަށާއި ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް މި ބަލި ވަދެފައިވާ ކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެ ފަރާތުން ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.

މިހާތަނަށް 10 އޮފިސަރަކާއި، ދެ ނަރުހުން އަދި 19 ޑިޓެއިނީންނާއި ގައިދީއެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.

މި ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، އެ ސަރވިސް އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއް ނެތި ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.