ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި އައުޓްޑޯ ޖިމްތަކުގެ ތެރެއިން 50 ރަށެއްގެ އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓްރީން ރާއްޖޭގެ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޖުމްލަ 71 އައުޓްޑޯ ޖިމްގެ މަސައްކަތް އެޗްޑީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.

އެޗްޑީސީން ބުނީ މިހާތަނަށް 50 ރަށެއްގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކު އައުޓްޑޯ ޖިމްގެ މަސައްކަތް ނިންމާލާފައިވާއިރު، ބާކީ ހުރި 21 އައުޓްޑޯ ޖިމްގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ނިންމާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ބައެއް ރަށްތަކަށް އާ އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތާއި، މަރާމާތުކުރަން ޖެހޭ ޖިމްތައް މަރާމާތުކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

ނެޝަނަލް ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅެކެވެ.

ސްޕޯޓްސް މިނިސްޓްރީގެ މި މަޝްރޫއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޗްޑީސީން ކުރިއަށްގެންދާ މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި، ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް އާންމުންނަށް ބާރުއެޅުމެވެ.