ދުނިޔެދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓުގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރާ އުސާމާ ބިން ލާދިން އަކީ ހަގީގަތުގައި ނުލަފާ މީހެއް ނޫންކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އޭނާ މިހެން ބުނީ އެމެރިކާގެ ވޯރޑް ޓްރޭޑް ސެންޓަރ އަށް ދިން ހަމަލާއަށް 20 އަހަރު ފުރުމާއި ދިމާކޮށް އެމެރިކާގެ ޓީވީ ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައެވެ. ފްލައިޓްތަކެއް ހައިޖެކް ކޮށްގެން އެމެރިކާ އަށް 2001 ވަނަ އަހަރު ދިން ވަރުގަދަ ނިރުބަވެރި ހަމަލާ ރާވައި އެހަމަލާ ދޭނެ މީހުން ޓްރޭން ކުރުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އުސާމާ ބިން ލާދިންގެ ރޭވުމާއި އެއްގޮތަށް ކަމަށް އެމެރިކާ އިންވަނީ ނިންމާފައެވެ.

ޓްރަމްޕް ބުނީ އުސާމާ ބިން ލާދިން އަށްވުރެ މާ ނުރައްކާތެރި އަދި މާ ނުލަފާ ޓެރަރިސްޓުން ދުނިޔެ އިން ފެނިފައިވާ ކަމަށެވެ.

އޭނާ ބުނީ އުސާމާ ބިން ލާދިން އަށްވުރެ ބަޣުދާދީ އާއި ސުލައިމާނީގެ ނުރައްކާތެރިކަން ބޮޑު ނަމަވެސް އެދެމީހުން މަރާލަން އޭނާގެ ވެރިކަމުގައި ހޯދި ކާމިޔާބީގެ ވާހަކަ ދައްކަން މީޑިއާތަކުން ބޭނުންނުވާ ކަމަށެވެ.

އެމެރިކާ ސިފައިން ބަޣުދާދީ މަރާލީ ޓްރަމްޕްގެ ވެރިކަމުގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރ 27 ވަނަ ދުވަހު އެވެ. އަދި ސުލައިމާނީ މަރާލީ ޓްރަމްޕްގެ ވެރިކަމުގައި 2020 ވަނަ އަހަރުގެ ޖަނަވަރީ 03 ވަނަ ދުވަހު އެވެ.

އުސާމާ ބިން ލާދިން ރާވައިގެން ދިން ހަމައެކަނި ހަމަލާއަކީ ސެޕްޓެމްބަރ 11 ގެ ހަމަލާކަމަށް ޓްރަމްޕް ބުނި ނަމަވެސް 1998 ވަނަ އަހަރު އެމެރިކާގެ ތިން އެމްބަސީ އެއްގައި ބޮންތަކެއް ގޮއްވާލައިގެން ދިން ހަމަލާ އާއި 2000 ވަނަ އަހަރު އެމެރިކާ ސިފައިންގެ މަނަވަރެއްގައި ބޮމެއް ގޮއްވާލައިގެން ދިން ހަމަލާ އަކީ ވެސް އުސާމާ ބިން ލާދިންގެ ރޭވުމުގެ މަތިން ދީފައިވާ ހަމަލާތައް ކަމަށް އެމެރިކާ ސަރުކާރުން ވަނީ ނިންމާފައެވެ. އަދި އެނޫންވެސް އެތައް ހަމަލާއެއް އުސާމާ ބިން ލާދިން އެމެރިކާ އަށް އަމާޒުކޮށް ދީފައި ވެއެވެ.

އެމެރިކާގެ ޒަވާންވީ މި ނިންމުތަކާއި ދެކޮޅަށް ޓްރަންޕް ވާހަދެއްކި ސީދާ ސަބަބެއް އޭނާ ފާހަގަ ކޮށްފައެއް ނުވެއެވެ. މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ބައިޑެންގެ ސަރުކާރާއި ހިޔާލުތަފާތުވުމުގެ ސަބަބުން ޓުރަންޕު ދެއްކެވި ވާހަކައެކެވެ.