އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފާއި ހިމާޔަތް ހޯދައިދިނުމުގައި ސަރުކާރު ދެމިއޮންނާނީ ސާބިތުކަމާއެކު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ އިންޓަނޭޝަނަލް ފެންވަރުގައި ފާހަގަކުރާ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވުމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ހިއްސާކުރެއްވި ހާއްސަ މެސެޖެއްގަ އެވެ.

އެ މެސެޖުގައި ރައީސް ވިދާޅުވީ، އަންހެނުންނަށް ކުރާ އެކި ބާވަތުގެ އަނިޔާތައް ހުއްޓުވައި، އެކަނބަލުން ބާރުވެރިކުރުވުމަށްޓަކައި ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އަދި އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، އަނިޔާދޭ ފަރާތްތައް ޒިންމާދާރުކުރުވައި، ކުށްކޮށްފައި އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނައްތާލުމަށް ސިޔާސަތުތަކާއި ހާއްސަ ޕްރޮގްރާމްތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

އަނިޔާގެ މައްސަލަތައް ރައްކާތެރިކަމާއި ޒިންމާދާރުކަމާއެކު ރިޕޯޓުކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ވަގުތީ ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދޭ މަރުކަޒުތައް އިތުރުކޮށް، އެ ތަންތަނުން ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

"މި ފިޔަވަޅުތަކުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިކަން ހޯދުމުގައި ކުރިމަތިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ، އަނިޔާ ލިބޭ ކޮންމެ މީހަކަށްމެ އިހުތިރާމާއި އަދުލުވެރިކަމާއެކު، އަވަސް ފިޔަވަޅުތަކެއް އެޅޭނެކަން ކަށަވަރުކުރުމަށްޓަކައި، ކަމާބެހޭ އިދާރާތަކާއި، ތަންފީޒީ އިދާރާތައް އަދި ޝަރުއީ ދާއިރާގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވަމުން ވަނީ، ކޮންމެ އަންހެނަކަށާއި އަންހެން ކުއްޖަކަށްވެސް އެއްވެސް ބިރުވެރިކަމެއް ނެތި، ހުރިހާ ބާވަތެއްގެ އަނިޔާއިން ރައްކާތެރިވެފައިވާ އަމާން މުޖުތަމައެއް ބިނާކުރުމަށްޓަކައި، އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ. އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ އިންޓަނޭޝަނަލް ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެންބަރު 25 އަކީ، މިފަދަ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް މުޖުތަމައު ހޭލުންތެރިކުރުވައި، ހަރުދަނާ ސިޔާސަތުތަކެއް އެކަށައެޅުމަށް ބާރުއަޅައި އަޑުއުފުލާ މުހިންމު ދުވަހެކެވެ.