ސަލާމަތީ ގޮތުން ދިމާވެދާނެ ކުއްލި ނުރައްކަލުގެ ހާލަތަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތައްޔާރުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި، 123 ވޮލަންޓިއަރުންނާއެކު އެއާޕޯޓުގެ ނޫވިލު ސީޕްލޭން ޓާމިނަލުގައި ހާއްސަ ސެކިއުރިޓީ އިމަޖެންސީ އެކްސަސައިޒެއް އިއްޔެ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގުޅިގެން ހިންގި މި ހަރަކާތުގައި އެމްއޭސީއެލްގެ އެކި ޑިޕާޓްމަންޓްތަކާއި ރިސޯޓު ލައުންޖްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވިއެވެ. މީގެ އިތުރުން، ފުލުހުންނާއި، އެއާލައިންތަކާއި، ދައުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ބޭރުގެ އެމްބަސީތަކުގެ ބޭފުޅުން ވަނީ މި ހަރަކާތް ކުރިއަށްދިޔަ ގޮތް ބަލައި މޮނިޓަރކުރުމުގައި ހަރަކާތްތެރިވެފައެވެ.

މި އެކްސަސައިޒްގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި މިހާރު އަމަލުކުރަމުންދާ ސެކިއުރިޓީ ކޮންޓިންޖެންސީ ޕްލޭނާއި، ސެކިއުރިޓީ ވަރުގަދަކުރުމަށް ހަދާފައިވާ އެސްއޯޕީތަކުގެ ހަރުދަނާކަން ވަޒަންކުރުމެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތެއްގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލުކަން ހުރި މިންވަރު ބެލުމާއެކު، ކަމާގުޅުންހުރި އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީވެސް މި ހަރަކާތުގެ އަމާޒެކެވެ.

މި ހަރަކާތް ނިންމާލުމަށްފަހު، އެކްސަސައިޒް ދިޔަގޮތް ވަޒަންކުރުމުގެ ގޮތުން ބާއްވާ "ހޮޓްވޮޝް" ބައްދަލުވުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ކާމިޔާބުވި ކަންކަން ފާހަގަކޮށް، ކުއްލި ހާލަތްތައް މެނޭޖުކުރުމުގެ ގާބިލުކަން އިތުރަށް ހަރުދަނާކުރުމަށް އިސްލާހުކުރަންޖެހޭ ކަންކަން ވަނީ ދެނެގަނެފައެވެ.

ދަތުރުވެރިންނާއި މުވައްޒަފުން އަދި އެއާޕޯޓާ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، ވައިގެ ބަނދަރުގެ ސަލާމަތީ މިންގަނޑުތައް އެންމެ މަތީ ދަރަޖައިގައި ބެހެއްޓުމުގައި ދެމިއޮންނާނެ ކަމަށް އެމްއޭސީއެލްއިން ބުންޏެވެ.