ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ގާތްގަނޑަކަށް ނުވަ އަހަރަށް ފަހު އަލުން ފަށައިފިއެވެ. 2017 ވަނަ އަހަރު ފެށި ނަމަވެސް އެކި ސަބަބުތަކާ ހުރެ ހުއްޓިފައި އޮތް މި މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު އަލުން ފަށާފައި ވަނީ ޒަމާނީ ފެންވަރުގެ އިންޓަނޭޝަނަލް ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރާ ފުޅާ މާސްޓާ ޕްލޭނެއްގެ ދަށުންނެވެ.

ސޮލެންޒަރާ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ޑިވެލޮޕްކުރާ މި މަޝްރޫއުގެ މަސައްކަތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. ޖުމުލަ 41،549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ތަރައްގީކުރާ މި ތަނަކީ ދިވެހި އާއިލާތަކަށާއި ޓޫރިސްޓުންނަށް ހުޅުމާލޭގެ އައްސޭރިފަށުން ތަފާތު ތަޖުރިބާއެއް ގެނެސްދޭނެ ބިޔަ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން 17،800 އަކަމީޓަރުގެ ސަރަހައްދެއްގައި މޫދާ ގުޅިފައިވާ ގޮތަށް ތަރައްގީކުރާ ވޯޓާ ތީމް ޕާކުގައި މައިގަނޑު 11 ވޯޓާ އެޓްރެކްޝަނާއި، ހިދުމަތްދޭ 30 ވަސީލަތް ހިމެނެއެވެ. އޭގެ ތެރޭގައި 8 ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި، ޓޯނޭޑޯ ސްލައިޑް، 290 މީޓަރުގެ ލޭޒީ ރިވާ، 900 އަކަމީޓަރުގެ ނިއުމެޓިކް ވޭވް ޕޫލް އަދި 1،900 އަކަމީޓަރުގެ ސްޕްލޭޝް ޕެޑް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ސްލައިޑްތަކާއި ޕޫލްތަކުގެ އިތުރުން، 200 އަކަމީޓަރުގެ ސްޕާ ޕޫލަކާއި، 230 އަކަމީޓަރުގެ އިންފިނިޓީ ބަބްލް ޕޫލް، މޫދު މަތީގައި އޮންނަ އިންފްލޭޓަބަލް ޗެލެންޖް ގޭމްސް އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް ވެސް ހުންނާނެއެވެ. އަދި 1،120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތަކާއި ފަސް ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތެއް ވެސް ތަރައްގީކުރާނެއެވެ.

ތީމް ޕާކާ ގުޅިގެން 23،749.7 އަކަމީޓަރުގެ ބިމުގައި ތަރައްގީކުރާ ވޯކޯ ރިސޯޓް ހޮޓެލްގައި 250 ކޮޓަރިއާއި ސުއިޓްގެ އިތުރުން 95 ސާވިސްޑް އެޕާޓްމަންޓާއި، 15 ލޯންގް ސްޓޭ އެޕާޓްމަންޓް އަދި ބީޗްފްރަންޓް ތިން ވިލާ ހިމެނެއެވެ. ހަމައެއާ އެކު، 2،942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައަކާއި ވައިރަލް މާކެޓެއްގެ އިތުރުން، 6 ފަންގިފިލާ އަދި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް އަޅާނެއެވެ. މި އިމާރާތްތަކުގެ ބޭސްމަންޓްގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެއެވެ.

ހުޅުމާލޭގައި ދިގުލައިގެން ގޮސް ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތަކަށް ހައްލު ހޯދައިދިނުމަށް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން، 21 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓެލް މަޝްރޫއާއި 2017 އިން ފެށިގެން ހުއްޓިފައި އޮތް ރީތިގަސް މަޝްރޫއުގެ އިތުރުން ދި ގާޑަން މަޝްރޫއުގެ މަސައްކަތް ވެސް މިހާރު ވަނީ ނިންމާލާފައެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ބޭނުން ނުކޮށް ހުރި ވާޓިކަލް ޕާކިން ނިޒާމުތައް އަލުން ބޭނުންކުރަން ފެށުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.