އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ހައްޖު އުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2026" މިއަދު ރަސްމީކޮށް ފަށައިފިއެވެ.

މި ކޮންފަރެންސް ފެށުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީއެވެ. 

މިއީ ރާއްޖޭގައި ހައްޖާއި އުމްރާގެ ހިދުމަތްދޭ ކުންފުނިތައް އެއްތަނަކުން ބައްދަލުވެ، ދާއިރާއާ ގުޅޭ މުހިންމު ކަންކަމާ މެދު މަޝްވަރާ ކުރުމަށާއި ކުންފުނިތަކަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހިއްސާކުރުމަށް އެ މިނިސްޓްރީން ބާއްވާ ތިން ވަނަ ކޮންފަރެންސްއެވެ. މި ކޮންފަރެންސްއާ އެކު، އުމްރާ ކުންފުނިތަކުން ދޭ ހިދުމަތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހާއްސަ އެގްޒިބިޝަނެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި އެގްޒިބިޝަން ކުރިއަށް ދާނީ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ މެންދުރުފަހު 15:45 އިން މަޣްރިބް ނަމާދު ވަގުތާ ހަމައަށެވެ.

މީގެ އިތުރުން މިއަހަރުގެ ކޮންފަރެންސް އަދި އެގްޒިބިޝަންގައި ވެސް ދާއިރާއާ ގުޅޭ މުހިންމު މައުލޫތަކަށް ޕެނަލް ޑިސްކަޝަންތައް ބޭއްވުމަށާއި، އެކި ކުންފުނިތަކުގެ ޕްރެޒެންޓޭޝަންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.