ސްޕެއިންގެ ތަޖުރިބާކާރެއްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި ކުރިއަށްގެންދިޔަ ޕޯޓް މެނޭޖްމަންޓް މޮޑިއުލް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ ޔޫއެންސީޓީއޭޑީ ޓްރެއިންފޯޓްރޭޑް މޮޑާން ޕޯޓް މެނޭޖްމަންޓް ޕްރޮގްރާމްގެ ހަތަރުވަނަ ބުރުގެ ބައިވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ ފަސްވަނަ މޮޑިއުލެވެ.
"މެތަޑްސް އެންޑް ޓޫލްސް އޮފް މޮޑާން ޕޯޓް މެނޭޖްމަންޓް" ގެ ނަމުގައި ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި މޮޑިއުލްގައި ކިޔަވައިދެއްވީ ސްޕެއިންގެ ފުންޑަސިއޯން ވެލެންސިއާޕޯޓްގެ ޑިރެކްޓާ އޮފް ޑިޖިޓަލް ޓްރާންސްފޮމޭޝަން މިގޭލް ލޮޕް ޗަބްރޭރާއެވެ. އޭނާ ވަނީ ސްޓްރެޓެޖިކް ޕްލޭނިންއާއި ބަނދަރުގެ ތަފާސްހިސާބުތަކާއި ޕާފޯމަންސް އިންޑިކޭޓާސްގެ އިތުރުން ޑިޖިޓަލް ޕޯޓް މެނޭޖްމަންޓާ ގުޅޭ މުހިންމު މައުލޫމާތުތަކާއި ތަޖުރިބާތައް ބައިވެރިންނާ ހިއްސާކުރައްވާފައެވެ.
މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށްދިޔަ ފަސް ދުވަހުގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުންގެ ފަރާތުން ވެސް ވަނީ އަމަލީ މައިދާނުގެ ގިނަ ތަޖުރިބާތަކެއް ބައިވެރިންނަށް ކިޔައިދީފައެވެ. މީގެ ސަބަބުން ބަނދަރު ހިންގުމުގެ ޒަމާނީ އުކުޅުތަކާއި އަމަލީ މަސައްކަތްތައް ގުޅުވާލައިގެން ދަސްކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދިޔައެވެ.
މި މޮޑިއުލް ކާމިޔާބުކަމާއެކު ފުރިހަމަކުރި އެންމެހައި ބައިވެރިންނަށް އެމްޕީއެލްއިން ވަނީ މަރުހަބާ ކިޔާފައެވެ. އަދި މި މޮޑިއުލްއިން އެންމެ މަތީ ނަތީޖާ ހޯދި ބައިވެރިންގެ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް އެ ކުންފުނިން ވަނީ ހާއްސަ ތައުރީފެއް ކޮށްފައެވެ.
ޔޫއެންސީޓީއޭޑީ ޓްރެއިންފޯޓްރޭޑް ޕްރޮގްރާމަކީ ބަނދަރު ހިންގުމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ގާބިލުކަން އިތުރުކޮށް، ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތްތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ފަސްވަނަ މޮޑިއުލް ނިމުމަކީ ހަތަރުވަނަ ބުރުގެ ބައިވެރިންގެ ތަމްރީނުތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
