ކުޑަކުދިންނަށް ދިމައިވާ އެކި އެކި ބަލިތަކުގެ ތެރޭގައި ހަމުގެ އެކި އެކި ބަލިތައް ހިމެނެއެވެ. މިގޮތަށް ދިމައިވާ ހަމުގެ ބަލިތަކުގެ ތެރެއިން ޑައިޕާރ ރޭޝަސް އަކީ ވަރަަށް އާންމު ކަމެކެވެ. މިއީ ކުއްޖާގެ ހަންގަނޑާއި ނެޕީއާއި ޖެހޭ ހިސާބުގައި، ކުއްޖާގެ ހަންގަނޑުގައި ރަތްވެފައި ހުންނަ ތަންތަނެވެ.

މިކަން ދިމައިވާ ސަބަބުތަކުގެ ނެޕީ އާއި ކުއްޖާގެ ހަންގަނޑާއި ނުގުޅޭ ނުގުޅުން ހިމެނެއެވެ. މިކަމުގެ ސަބަބުން ހަންގަނޑުގައި އެލާޖީގެ ކުޑަ އަސަރެެއް އުފެދެއެވެ. އަދި ދުވަސްވުމުން އެތަން އިންފެކްޓް ވާގޮތް ދިމާވެއެވެ.

ހަމަ އެއާއި އެކު ކުއްޖާ ޖަހާ ނެޕީ އަކީ ގަވައިދުން ބަދަލު ކުރަން ޖެހޭނޭ އެއްޗެކެވެ. ނެޕީ ބަދަލު ނުކޮށް ގިނައިރުވާނަމަ، ކުޑަކަމުދާ ތަކެއްޗާއި ބޮޑުކަމުދާ ތަކެތި ކުއްޖާގެ ހަންގަނޑުގައި ޖެހިފައި ގިނަ އިރުތަކެއް ވަންދެން ހުރެއެވެ. މިއީ ހަންގަނޑު އިންފެކްޓްވުމަށް މަގުފަހި ކުރުވާ ކަމެކެވެ. ނަތީޖާ އަކަށް ވަނީ އެފަދަ ރޭޝަސް ނުވަތަ ރަތްކުލައިގެ ތަންތަން ހަންގަނޑުގައި އުފެދެއެވެ.

މީގެ އިތުރުން ކުއްޖާ ޖަހާ ނެޕީ ބާރުކޮށް ހުންނަ ނަމަވެސް ހަންގަނޑުގައި ރޭޝަސް އުފެދުމުގެ ފުރުސަތު ވަރަށްބޮޑުވެއެވެ. އެހެނީ ކުއްޖާ ހަރަކާތްތެރިވެ އުޅޭވަގުތު، ނެޕީ ކުއްޖާގެ ހަންގަނޑުގައި ކޭތޭ ގޮތް މެދުވެރިވެއެވެ. ބާރުކޮށް އެފަދައިން ކޭތޭނަމަ ހަންގަނޑަށް އޭގެ ގެއްލުން ވާނެއެވެ.

ކުއްޖާއަށް އަލަށް ކާންދޭ އައު ކާނާއެއްގެ ސަބަބުން، އެކާނާއެއް ދޭތާ ފުރަތަމަ ދުވަސްކޮޅު މިކަން މިގޮތައް ދިމައިވެދާނެއެވެ. އެހެނީ އެ ކާނާއެއް ހަޖަމްވުމަށްފަހު، ބޮޑުކަމުދާ ތަކެތީގެ ގޮތުގައި ހުންނައިރު، ކުއްޖާގެ ހަންގަނޑުގައި ޖެހުމުން، ހަންގަނޑު އެ ތަކެއްޗަށް އެލާޖިކު ވެދާނެއެވެ. މިއީ ދާއިމީކޮށް ވާނޭ އެލާޖިކެއް ނޫނެވެ. މިކަން މިހެން ދިމައިވަނީ ކުއްޖާގެ ހަންގަނޑުގެ "ބާރު" ދެރަކަމުންނެވެ.

ޑައިޕާރ ރޭޝަސް އިން ކުއްޖާ ރައްކާތެރިކޮށްދިނުމަށް ކުރެވިދާނެ ކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި އަވަސް އަވަހަށް ނެޕީ ބަދަލު ކުރުމާއި، ތާފަނާފެނުން ސާފު ކުރުމާއި، ނެޕީ ބަދަލު ކުރާއިރު މަޑު މަޑުން އެކަން ކުރުމާއި، ކުއްޖާ ޖަހާ ނެޕީ އަކީ ކުއްޖާ އާއި ގުޅޭ ނެޕީއެއްތޯ ބެލުމުގެ އިތުރުން މާ ބާރުކޮށް ނެޕީ ނުޖެހުން ހިމެނެއެވެ. އަދި ނެޕީ ޖަހާއިރު، ޑައިޕާރ ޕައުޑާރ އެއް ބޭނުން ކުރުންވެސް މުހިންމެވެ. މިފަދަ ޕައުޑަރެއް ބޭނުން ކުރުން އެންމެ ރަނގަޅީ ކުއްޖާގެ ކިބައިން އެފަދަ ކަމެއް ދިމައިވާނަމަ އެވެ.

މިއީ އެއްވެސް ފަރުވާއަކާއި ނުލާ ފަސޭހަ ކުރެވޭނޭ ކަމެކެވެ. ނަމަވެސް މިފަދަ ތަންތަން ބޮޑުވެ، ކުއްޖާ ރޮއެ ހަދާނަމަ ޑޮކްޓަރަކަށް ދެއްކުން ވަރަށްވެސް މުހިންމެވެ.