ތެލެސީމިއާއަށް ފަރުވާ ހޯދާ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އެހީތެރިއަކަށް އާރް.ޓީ.އެލް ބަހާއި ފެރީގައި ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު އެމްޓީސީސީން ހަމަޖައްސައިފިއެވެ.

ސަރުކާރުގެ ނިންމުމާ ގުޅިގެން އެމް.ޓީ.ސީ.ސީން ބުނީ، އަންނަ އާދިއްތަ ދުވަސް ކަމަށްވާ 29 ނޮވެމްބަރު 2026 އިން ފެށިގެން، ތެލެސީމިއާ ބައްޔަށް ފަރުވާ ހޯދާކަން އަންގައިދޭ ކާޑު އޮންނަ ފަރާތްތަކަށާއި، އެ ފަރާތްތަކާ އެކު ދަތުރުކުރާ އެހީތެރިއަކަށް އާރް.ޓީ.އެލް ބަހާއި ފެރީގެ ހިދުމަތް މުޅިން ހިލޭ ލިބޭނެ ކަމަށެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން އެމް.ޓީ.ސީ.ސީގެ އަމާޒަކީ މުޖުތަމައުގެ ހުރިހާ ފަރުދުންނަށްވެސް ލުއިފަސޭހަކަމާ އެކު ބޭނުންކުރެވޭ ފަދަ ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެމް.ޓީ.ސީ.ސީގެ ހޮޓްލައިން 1650 އަށް ނުވަތަ 7369221 ނަންބަރަށް ގުޅުމަށް އެ ކުންފުނިން އެދެއެވެ. މީގެ އިތުރުން info@mtcc.com.mv އަށް އީމެއިލް ކޮށްގެން ނުވަތަ ކުންފުނީގެ ވެބްސައިޓް www.mtcc.com.mv މެދުވެރިކޮށްވެސް މައުލޫމާތު ލިބޭނެއެވެ.