ކ. ތުލުސްދޫ "ތިލަފަރު" އަބްދުއްސައްތާރު އަލީ ނުވަތަ ރަށު އެންމެންގެ ލޯބިވާ "ސައްތާރުބެ" އަކީ އުމުރުން 75 އަހަރު ވެފައިވާ، މާޒީގެ އެތައް އަޖައިބުކުރުވަނިވި ހަނދާންތަކެއް ހިތުގައި ރައްކާކޮށްގެން ހުރި ތަޖުރިބާކާރެކެވެ. މިއަދު ތުލުސްދޫއަކީ ގެސްޓު ހައުސްތަކާއި ޓޫރިސްޓުންނާއެކު ތަރައްގީވެފައިވާ ރަށަކަށް ވިޔަސް، ސައްތާރުބެގެ ހަނދާނުގައި އަދިވެސް ބިންވަޅު ނެގިފައިވަނީ އެ ރަށަކީ ބޯ ޖަންގައްޔެއްގެ ގޮތުގައި އޮތް ދުވަސްވަރުގެ ހަނދާންތަކެވެ.

ސައްތާރުބެގެ ހަޔާތުގައި ދިމާވި އެންމެ އަޖައިބުކުރުވަނިވި އަދި ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާނެ ހާދިސާއަކީ، ޒުވާން އުމުރުގައި ދޯންޏެއްގައި ދަތުރުކުރަނިކޮށް އެންމެ ފުރަތަމަ "ކަނޑުމަތި އެޅުނު" ރޭގެ ބިރުވެރި ހާދިސާއެވެ. އެއީ އުކުޅަހުން އެން ހިފައިގެން ފުރައިގެން ރަށަށް އަންނަން ދަތުރުކުރި ދުވަހެކެވެ. އޭރު ގަޑިން ހަވީރު ފަހެއް ޖަހާކަންހާއިރު ދޯނި އޮތީ އަރިއަތޮޅާއި މާލެއަތޮޅާ ދެމެދުގެ ކަނޑުގައެވެ.

އެވަގުތު ކަނޑުމަތިން ފެންނަން ފެށީ އާދަޔާ ހިލާފު މަންޒަރުތަކެކެވެ. ދޯނީގެ ކަންކަށި ދަށުން ރާޅު ޖަހަމުން ދިޔަ ނަމަވެސް، ދޯނި އެއްގޮތަކަށްވެސް ކުރިއަކަށް ނުދެއެވެ. ކުއްލިއަކަށް އިރުއޮއްސި އަނދިރިވުމާއެކު، ދޯނި ކައިރިން ފަސްތަން ބަނދެފައި ހުރި ބޮޑެތި ގަބުރުތަކެއް ދާތަން ފެންނަން ފެށިއެވެ. އެ މަންޒަރު ފެނުމާއެކު ދޯނީގެ ކެޔޮޅު މީހާ ބުނީ ދޯނި ކަނޑުމަތި އަޅައިފި ކަމަށެވެ.

އެހެން ތިއްބައި އިރުކޮޅެއް ނުވަނީސް ދޯނި ބީހެނީ ކަމަށް ކެޔޮޅު ބުންޏެވެ. އެހެންކަމުން، ތިލަ ތަނެއްތޯ ބެލުމަށްޓަކައި ދޯނި ކަނބަން ގެންގުޅޭ ދަނޑި މޫދަށް ދައްސާލިއެވެ. ނަމަވެސް އެ ދަނޑި އަޑިއަކު ނުޖެހުނެވެ. އެ ހިސާބަކީ ތިލަ ތަނެއް ނޫން ނަމަވެސް، ދޯނި ވަނީ ނުފެންނަ ބާރެއްގައި ތާށިވެފައެވެ.

އެ ބިރުވެރި ވަގުތުގައި ދޯނީގެ ކުނބުގައި އަލިގުޅައެއް އައިސް ދިއްލާލިއެވެ. ދޯނީގައި ތިބި ދޮށީ އުމުރުގެ މީހުން ބިރުން ތިބެ ބުނީ ކަމަކު ނުދާ ކަމަށާއި، ދޯނި ބަންޑުން ޖަހާލަފާނެ ކަމަށެވެ. އަދި ރިހާކުރު ހިފައިގެން ކުނބަށް އަރަން ކެރޭނީ ކާކަށްތޯ އެމީހުން ސުވާލުކުރިއެވެ.

"އަހަރެން ބުނެފިން އަހަރެން އަރާފާނަމޭ. އަރައިފިން ރިހާކުރު ހިފައިގެން ކުނބަށް،" ސައްތާރުބެ އެ ރޭގެ ހަނދާން އާކުރަމުން ބުންޏެވެ.

ކުނބުގެ ކުރީގައި ރިހާކުރު ހާކާލާފައި ސައްތާރުބެ ތިރިއަށް ފޭބިތަނުން، ދެން އަލިގަނޑު ދިއްލާލީ ދޯނީގެ ދިރުނބާކޮޅުގައެވެ. ދިރުނބަލުގައި ރިހާކުރު ހާކާލާފައި އައިސް އިށީނދެލިތަނުން ފަރުމާކުރީގައި އަލިގަނޑެއް ދިއްލާލިއެވެ. އެތަނުގައިވެސް ރިހާކުރު އުނގުޅާލުމަށްފަހު އަލުން ރިޔާ ނެގިއެވެ.

އޭރުވެސް ފަސްތަން ބަނދެފައި ހުރި ބޮޑެތި ގަބުރުތައް ދޯނި ކައިރިން ފެނެއެވެ. ސައްތާރުބެ ކިޔައިދިން ގޮތުގައި އެ ގަބުރުތައް ތިބެނީ ހިނިއައިސްފައެވެ. ދޯނީގައި ތިބި ބޮޑެތި މީހުން ތިބީ އިންތިހާއަށް ބިރުން ނަމަވެސް، އޭރު ސައްތާރުބެ އުމުރުން ހަގުވުމުން އެކަމުގެ ބިރުވެރިކަމަށްވުރެ ބޮޑަށް އެކަންވީ މަޖާ ކަމަކަށެވެ.

މިގޮތަށް އުޅެނިކޮށް ދެން އަލިގަނޑު ދިއްލާލީ ދޯނީގެ ކަފީގައެވެ. އެތަނުގައިވެސް ރިހާކުރު ހާކާލުމާއެކު އަނެއްކާވެސް ދިރުނބާކޮޅުގައި ދިއްލާލިއެވެ. އެ ހިސާބުން ދޯނީގައި ތިބި ބޮޑެތި މީހުން މާޔޫސްވެ، މިރޭ ސަލާމަތްވާނެ ގޮތެއް ނެތް ކަމަށް ބުނެ ރިޔާ ދޫކޮށްލިއެވެ. ނަމަވެސް ބޮޑުހިއްޗާ ކައިރިވެ އަރަށު ފަރު ފެންނަ ހިސާބަށް ދެވުނުއިރު، މުޅި ފަރުގައި އަލިފާން ރޯކޮށްލާފައި ހުރި ފަދަ އަޖައިބުކުރުވަނިވި މަންޒަރެއް ފެނުމަށްފަހު އެ ބިރުވެރިކަން ނިމުމަކަށް އައެވެ.

މިފަދަ އެތައް ތަޖުރިބާއެއް ކަނޑުމަތިން ކޮށްފައިވާ ސައްތާރުބެ، ތުއްތުއިރު ހެދިބޮޑުވެގެން އައީ މުޅިން ތަފާތު މާހައުލެއްގައެވެ. އޭރުގެ ކުޑަކުދިންނަކީ މިހާރުގެ ކުދިންނާ ހިލާފަށް އަތިރިމައްޗަށް ފައިބައި ކުޅެއުޅުނު ބައެއް ނޫނެވެ. ގިނަ ވަގުތު ގޭތެރޭގައި ތިބެގެން ކައިބޮއި ހަދާއިރު، އަކުރު އުނގެނުނީ ވޮށިފިލާގައި އަލިފުބާ އާއި "ހަ، ށަ، ނަ، ރަ، ބަ، ޅަ" ޖަހައިގެންނެވެ.

ޒުވާން އުމުރަށް އެޅުމާއެކު ސައްތާރުބެ ކުރި މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އޭރު މަހަށް ދަނީ ރިޔާ ނަގައިގެން، އަތުން ފަލިޖަހައިގެންނެވެ. ތުލުސްދޫ ކައިރީގައި އޮންނަ މުއްޔާ ދިމާލުން މަސްބާނައިގެން، ފަލިޖަހަމުން މާލެ ގޮސް މަސްވިއްކުމަށްފަހު، އިރުއޮއްސޭއިރަށް ބޮޑުހިތި ކައިރިއަށް ގޮސް ފީނައިގެން ބޯވަ ނަގައެވެ. އެތަނުން ފަލިޖަހަމުން ރަށަށް އާދެވެނީ މެންދަމު ބާރަޖަހާއިރުއެވެ. ނަމަވެސް އަނެއް ދުވަހުގެ ފަތިހު ހަތަރެއް ޖަހާއިރު އަނެއްކާވެސް މުއްޔަށް މަސްބާނަން ނުކުމެއެވެ.

މަސްވެރިކަމުގެ އިތުރުން، ސަރުކާރުގެ އެގްރިކަލްޗަރ ދާއިރާގައި ހަތަރު އަހަރާއި ނުވަ މަސް ދުވަހު ސައްތާރުބެ މަސައްކަތް ކުރިއެވެ. އޭގެ ފަހުން ތުލުސްދޫގައި ގުދަނެއް ހެދުމުގެ މަސައްކަތުގައި އުޅެނިކޮށް ކަރަންޓުގައި ޖެހި ވެއްޓި، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ދެ އަހަރު ވަންދެން ކާންބޯން މަސައްކަތެއް ނުކުރެވި ގޭގައި އޮންނަން ޖެހުނެވެ. އެ ހާލަތުން ރަނގަޅުވެގެން އަތޮޅު އޮފީހުގެ ދޯނީގެ ކައްޕިއަކަށް އުޅުމަށްފަހު، ތުލުސްދޫގައި ކޮކާކޯލާ ފެކްޓްރީ ބިނާކުރި ދުވަސްވަރު އެތަނުގައިވެސް ދޮޅު އަހަރު ވަންދެން މަސައްކަތް ކުރިއެވެ.

ސައްތާރުބެގެ އާއިލީ ދިރިއުޅުމަށް ބަލާއިރު، ފުރަތަމަ ކައިވެންޏަށް 12 ދަރިން ލިބުނު ނަމަވެސް، އޭގެ ތެރެއިން ބައެއް ކުދިން ދެ މަހުގައި ނުވަތަ ދޮޅު މަހުގައި ނިޔާވެ، މިހާރު ދުނިޔޭގައި ތިބީ 7 ދަރިންނެވެ. ފުރަތަމަ އަނބިމީހާ ނިޔާވުމަށްފަހު، ތ. އަތޮޅު ވިލުފުށީ ރާގޮނޑި ނިޒާރުގެ ތިމާގެ މީހެއް ކަމަށްވާ ޒަރާނާ ކިޔާ އަންހެނަކާ ކައިވެނިކޮށްގެން މަހެއްހާ ދުވަހު އުޅުމަށްފަހު، ދެން އިތުރު ކައިވެންޏެއް ނުކުރެއެވެ. ސައްތާރުބެ އެންމެ ފަހުރުވެރިވަނީ ދަރިން ރަނގަޅަށް ތަރުބިއްޔަތުކޮށް ހަރުދަނާ ބަޔަކަށް ހެދުނީތީއެވެ.

ނާސިރުގެ ވެރިކަމުގެ ދުވަސްވަރުގެ ހަނދާންތައްވެސް ހުރި ސައްތާރުބެ، ފާއިތުވި 75 އަހަރު ތެރޭގައި ތުލުސްދޫއަށް އައި ބަދަލުތަކާ މެދު ވަރަށް އުފާވެއެވެ. ނަމަވެސް ރަށުގައި ގެސްޓު ހައުސްތައް ހިންގާތީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތުލުސްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅެއް އޭނާ ހަނދާން ކުރެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓު ހައުސް އަޅައިފިނަމަ، ޓޫރިސްޓުން އުޅޭ ގޮތްތައް ދަރިންނަށް ދަސްވެ ރާއްޖޭގެ ދުވަސް ދިޔައީ ކަމަށް މައުމޫން ވިދާޅުވި ނަމަވެސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރަށްރަށުގައި ގެސްޓު ހައުސް އަޅަން ފެށި ހިސާބުން ތުލުސްދޫ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ.

މިހާރު އުމުރުން ދުވަސްވެފައިވީ ނަމަވެސް، ސައްތާރުބެގެ ދުވަސް ފެށެނީ މުރާލިކަމާއެކުގައެވެ. ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އަތިރިމަތި ކުނިކަހައި، އެއަށްފަހު ގޯތިތެރެ ސާފުކުރެއެވެ. ގަހުން ފަތްފައިބާތީ ދުވާލަކު ތިން ފަހަރު ކުނިކަހާލުމަށްފަހު، ގޭގައި ނަމާދުކޮށްލައިގެން އުޅެއެވެ. މިހާރު މޫދަށް ގޮސް ނުހެދި ނަމަވެސް، ތިމާގެ މީހުންނާއި ރަހުމަތްތެރިންގެ ގޭގެއަށް ޒިޔާރަތްކޮށް އުޅެނީ ބައިސްކަލު ދުއްވާލައިގެންނެވެ.

ރަށަށް އަންނަ ބީރައްޓެހިންނާ ވާހަކަދައްކައި އުޅޭތީ ތުލުސްދޫގެ ބައެއް މީހުން އޭނާއަކީ "ބޯހަމަނުޖެހޭ މީހެއް" ކަމަށް ބުނި ނަމަވެސް، ސައްތާރުބެ އެކަމަކާ އަޅައެއް ނުލައެވެ. އޭނާ ބޭނުންވަނީ އެންމެނަށްވެސް ހެޔޮ މީހެއްގެ ގޮތުގައި ފެންނާށެވެ. އަދި މީހުންނަށް ކަންކަން ކޮށްދެނީވެސް އޭނާއަށް ކުރެވެން އޮތް އެންމެ ހެޔޮ ގޮތަކަށެވެ.

ހަޔާތުގައި ހިތުލީ ކަންކަން އިރާދަކުރެއްވީތީ ކުރެވިފައިވާތީ ހިތްހަމަޖެހިގެން ހުރި ސައްތާރުބެ، މިއަދުގެ ޒުވާނުންނަށް ދޭން އޮތް ނަސޭހަތަކީ ވަރަށް ސާފު ނަސޭހަތެކެވެ. އެއީ ކޮންމެ މީހަކުވެސް މައިންބަފައިންނަށް ބަރޯސާވުން ދޫކޮށްލައި، އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅޭ ބަޔަކަށް ވުމެވެ.