ދެވަނަ ނޭޝަނަލް ވެއިޓްލިފްޓިން ޗެމްޕިއަންޝިޕް 2026 ގައި އިއުފާ މުހައްމަދު އޭނާގެ ފުރަތަމަ ރަސްމީ މުބާރާތުގައި ވާދަކޮށް، އޮލިމްޕިކް ވެއިޓްލިފްޓިން ސްޓޭޖުގައި ފުރަތަމަ ފިޔަވަޅު އަޅައިފިއެވެ. މި މުބާރާތުގައި ވާދަކުރުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި އިއުފާ ވަނީ، ފުރަތަމަ ފަހަރަށް މުބާރާތެއްގެ ޕްލެޓްފޯމަށް އެރުމުން ކުރެވުނު ތަޖުރިބާތަކާއި އިހުސާސްތައް ކިޔައިދީފައެވެ.
ތަމްރީނުތަކުގައި ކިތަންމެ ގިނަ ވަގުތުތަކެއް ހޭދަކޮށްފައި ވީނަމަވެސް، އާންމުންގެ ކުރިމައްޗަށް ނުކުމެ ވާދަކުރުމަކީ މުޅިން ތަފާތު ކަމެއްކަން އިއުފާ ފާހަގަކުރިއެވެ. ސްޓޭޖުގެ އަލިތަކުގެ ދަށަށް ނުކުމެ ބެލުންތެރިންނާ ކުރިމަތިލީ ވަގުތު މުބާރާތުގެ ޖެހިލުންވުން ވަރަށް ބޮޑަށް އިހުސާސްވި ކަމަށާއި، ފުރަތަމަ ލިފްޓް ނާކާމިޔާބުވުމުން އެ ހާސްކަން އިތުރަށް ބޮޑުވި ކަމަށް އޭނާ ބުންޏެވެ.
އަމިއްލަ ކޮމްފޯޓް ޒޯންގައި ހުރެ ހާސް ފަހަރު ތަމްރީނު ކުރި ނަމަވެސް، މީހުންގެ ކުރިމަތީގައި އެކަން ކުރުމަކީ މުޅިން އެހެން ލެވެލެއްގެ ކަމެއް ކަމަށް އިއުފާ ބުންޏެވެ. އެހެންނަމަވެސް، ފުރަތަމަ ލިފްޓް ނާކާމިޔާބުވުމުން އެކަން ހަނދާން ނައްތާލައި، މުބާރާތުގެ މާހައުލަށް ހޭނި، ވާދަކޮށްލުމުން ލިބުނު ހިތްހަމަޖެހުން އެހެން އެއްވެސް ކަމަކާ ނުބައްދަލުވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
"ފުރަތަމަ މުބާރާތް ނިންމާލެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ. އަދި އޮލިމްޕިކް ވެއިޓްލިފްޓިން ސްޓޭޖަށް ގެނައުމަށް މަސައްކަތްކުރާ މުޖުތަމައުގެ ބައިވެރިއަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް،" އިއުފާ ބުންޏެވެ.
މި ތަޖުރިބާއަކީ ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތަކަށް ވާސިލުވުމަށް އެޅުނު މުހިންމު ބިންގަލެއްގެ ގޮތުގައި އިއުފާ ސިފަކުރިއެވެ. އަދި މި ހިސާބުން ކުރިއަށް ދިއުމަށް އަދިވެސް ވަރަށް ގިނަ ކަންކަން ބިނާކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް އޭނާ ބުންޏެވެ.
