އަންހެނަކު އެންމެ ފުރިހަމަ އަދި އަގުހުރި މީހަކަށް ވަނީ ރީތިކަމާއި، މުދަލާއި، ނުވަތަ މީހުންގެ ސަމާލުކަމާއި ރުހުން ލިބިގެން ނޫން ކަމަށާއި، އެއީ الله ގެ ހަޒުރަތުގައި އަމިއްލަ އަގު ދެނެގަނެ، އަބުރު ރައްކާތެރިކޮށް، ޖަޒުބާތުތައް ކޮންޓްރޯލް ކުރާ އަންހެނާ ކަމަށް އިސްލާމީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

ދީނީ އަދި އަގީދާގެ ނަސޭހަތްތައް ގެނެސްދޭ "ދީން އަޕްލިފްޓް" ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމުކުރި ދަރުހެއްގައި އޭނާ ވަނީ، ކޮންމެ އަންހެނެއްގެ ދިރިއުޅުން ހެޔޮގޮތުގައި ބަދަލުކޮށްލާނެ މުހިންމު ހަތް ފިލާވަޅެއް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މީހުންގެ ފަރާތުން އަމިއްލަ އަގު ވަޒަންކުރުމަށް އާދޭސްކުރުން ހުއްޓާލުމާއި، ހިތްހެޔޮކަމަކީ އެހެން މީހުންނަށް އަބުރު ކަތިލަން ދެވޭ ބަލިކަށިކަމަކަށް ވިޔަނުދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.

މި ދަރުހުގައި މުފްތީ މެންކް ފާހަގަކުރެއްވި ތިންވަނަ އަދި ހަތަރުވަނަ ފިލާވަޅަކީ ޖަޒުބާތުތަކުގެ މައްޗަށް ބާރުފޯރުވުމާއި، ހިމޭންކަމާއެކު އަމިއްލަ ނަފްސު ބިނާކުރުމެވެ. ރުޅިވެރިކަމާއި އެކަނިވެރިކަމުގެ ވަގުތުތަކުގައި ކެތްތެރިވެ، ދުއާކޮށް، އަބުރު ރައްކާތެރިވާނެ ގޮތަކަށް އަމަލުކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކުރަން އުޅޭ ކޮންމެ ކަމަކާއި ހާސިލުކުރަން ބޭނުންވާ ކޮންމެ ލަނޑުދަނޑިއެއް އެންމެންނަށް އިއުލާން ކުރުމުގެ ބަދަލުގައި، ހިމޭންކަމާއެކު މަސައްކަތްކޮށް ނަތީޖާ ދެއްކުމަށް އޭނާ ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ފަސްވަނަ ފިލާވަޅެއްގެ ގޮތުގައި މުފްތީ މެންކް ބަޔާންކޮށްދެއްވީ މީހުންގެ ސަމާލުކަން ހޯދުމަށްވުރެ އީމާންކަމާއި، ރިވެތި އަހުލާގާއި، ލަދުވެތިކަން އިސްކުރުމެވެ. ސޯޝަލް މީޑިއާގެ ޒަމާނުގައި މީހުންގެ ތައުރީފާއި ސަމާލުކަމަކީ ދެމިގެންދާ އެއްޗެއް ނޫން ކަމަށާއި، ލަދުވެތިކަމަކީ ބަލިކަށިކަމެއް ނޫން ކަމަށް ވިދާޅުވަމުން، އެއީ އަމިއްލަ އަގު ދެނެގަނެ ނަފްސު ރައްކާތެރިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަވަނަ ފިލާވަޅަކީ الله ދިރިއުޅުމުން ދުރުކުރައްވާ ކަންކަމާއި މީހުންގެ ފަހަތުން ނުގޮސް، އެކަންކަން ދޫކޮށްލަން ދަސްކުރުމެވެ. އަދި ހިތްދަތިވާ ކޮންމެ ފަހަރަކު އެއީ ނިމުން ކަމަށް ނުދެކި، الله ގެ ރަހުމަތަށް އިތުބާރުކޮށް ކުރިއަށް ދިއުމަށް އޭނާ ބާރުއެޅުއްވިއެވެ.

ހަތްވަނަ އަދި އެންމެ ފަހު ފިލާވަޅެއްގެ ގޮތުގައި މުފްތީ މެންކް ވިދާޅުވީ، ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ކެތްތެރިކަމުގެ ތެރެއިން الله ތައްޔާރުކުރައްވާ ފަދަ ހަރުދަނާ އަންހެނަކަށް ވުމަށް މަސައްކަތް ކުރުމަށެވެ. އަދި އިންސާނުންނަށް ކުށް ކުރެވޭނެ ކަމަށާއި، ނަމަވެސް އެންމެ ރަނގަޅު އަންހެނަކީ ކުށެއް ކުރެވުމުން އަވަހަށް ތައުބާވެ، الله ގެ މަގަށް އެނބުރި އަންނަ އަންހެނާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަރުސް ނިންމަވާލައްވަމުން މުފްތީ މެންކް ވިދާޅުވީ، ދިރިއުޅުމުގައި ދިމާވާ ވޭނާއި، ކަންކަން ލަސްވުމާއި، ބަންދުވާ ދޮރުތަކަކީ އަންހެނާގެ ނަފްސު ވަރުގަދަކޮށް، އޭނާގެ އަގު ހިފެހެއްޓުމަށް الله މިންވަރުކުރައްވާ އިމްތިހާނުތަކެއް ކަމަށެވެ. އެހެންކަމުން، މީހުންނަށް އަމިއްލަ މޮޅުކަން ސާބިތުކޮށްދިނުމުގެ ބަދަލުގައި، الله ރުހިވޮޑިގަންނަވާ ފަދަ އަންހެނަކަށް ވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އޭނާ ވަނީ ހުރިހާ އަންހެން ކަނބަލުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.