ދޯހާގައި ބާއްވާ ވޯލްޑް އިނޮވޭޝަން ސަމިޓް ފޮރ ހެލްތު ގެ 8 ވަނަ ބައްދަލުވުން (ވިޝް 8) ގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ޤަޠަރަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވަނީ، ޤަޠަރު ފައުންޑޭޝަންގެ ޗެއަރޕާސަން ޝައިޚާ މޫޒާ ބިންތު ނާޞިރުގެ ރަސްމީ ދަޢުވަތަކަށެވެ.

މި ސަމިޓުގެ ތެރެއިން، "ގްލޯބަލް ހެލްތު ބިޔޯންޑް 2030: އިމާޖިންގ ހެލްތު ޗެލެންޖަސް، ކޯޕަރޭޝަން، އެންޑް ދަ ރޯލް އޮފް މިޑްލް ޕަވަރސް" ގެ ނަމުގައި ބާއްވާ މަތީ ފަންތީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިއްޒަތްތެރިންނާ އެކަމަނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ޤަޠަރު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ވިޝް ސަމިޓަކީ، ދުނިޔޭގެ ޞިއްޙީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، އައު އީޖާދުތައް ކުރާ ފަރާތްތަކާއި، ޢިލްމުވެރިންނާއި، އިސްވެރިން އެއްތަނަކުން ބައްދަލުކުރައްވައި، ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށާއި، ޢަމަލީގޮތުން ތަންފީޛުކުރެވޭނެ ސިޔާސަތުތައް އެކުލަވާލުމަށް ބާއްވާ ސަމިޓެކެވެ.