ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެސްޓްހައުސް އަދި ސަފާރީ (ލިވްއެބޯޑް) ފައިނޭންސިންގ ފެސިލިޓީތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތަކަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރަން ބޭނުންވާ ދިވެހިންނަށާއި، ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި ބޭންކުން ގެނައި ބަދަލުތަކެކެވެ.

ގެސްޓްހައުސް ފައިނޭންސިންގ އަށް ގެނައި ބަދަލުތަކާއެކު، މަޝްރޫޢުގެ ޖުމްލަ އަގުން އިންވެސްޓްކުރާ ފަރާތުން އަމިއްލަ އަށް ޚަރަދުކުރަން ޖެހޭ ފައިސާ (އިކުއިޓީ) ވަނީ %30 އިން %20 އަށް ދަށްކޮށްފައެވެ. އަދި ފައިނޭންސިންގ އަނބުރާ ދެއްކުމަށް ލިބޭ މުއްދަތު 15 އަހަރުން 20 އަހަރަށް ވަނީ އިތުރުކޮށްފައެވެ. މީގެ އަދި ދެ އަހަރުގެ ގްރޭސް ޕީރިއަޑެއްވެސް ލިބޭނެއެވެ. ދިވެހި ރުފިޔާއިން ފައިނޭންސް ނަގައި، ޑޮލަރުން އަނބުރާ ދައްކާ ފަރާތްތަކަށް އަހަރަކު %7 ގެ ރޭޓެއް ހަމަޖައްސާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާ ފައިނޭންސްތަކަށް ކަނޑައަޅާފައިވަނީ %9 އެވެ.

ލިވްއެބޯޑް ފައިނޭންސިންގެ އިކުއިޓީ ވަނީ %30 އިން %25 އަށް ދަށްކޮށްފައެވެ. އަދި އަނބުރާ ދެއްކުމުގެ މުއްދަތު 7 އަހަރުން 12 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑް އެއް އަހަރުން ދެ އަހަރަށް ވަނީ އިތުރުކޮށްފައެވެ. މި ފެސިލިޓީގެ ދަށުން ރުފިޔާއިން ފައިނޭންސް ނަގައި ޑޮލަރުން އަނބުރާ ދައްކާނަމަ %8 ގެ ރޭޓެއް ކަނޑައަޅާފައިވާއިރު، ރުފިޔާ އާއި ޑޮލަރު އެއްވަރަކަށް ބަހާލައިގެން ނަގާނަމަ %10 ގެ ރޭޓެއް ލިބޭނެއެވެ.

ފައިނޭންސް ހޯދުމުގައި ކަސްޓަމަރުންނަށް އެންމެ ބޮޑަށް ދިމާވާ އެއް ދައްޗަކީ އިކުއިޓީ ދެއްކުން ކަމަށްވާތީ، ބޭންކުން ވަނީ އިކުއިޓީ ބަލާ މިންގަނޑަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، މަޝްރޫޢަށް މިހާރުވެސް ކަސްޓަމަރު އަމިއްލައަށް ކޮށްފައިވާ އިންވެސްޓަކީ އިކުއިޓީގެ ގޮތުގައި ބަލައިގަތުމަށް ބޭންކުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނޭނީ ބޭންކުން ގަބޫލުކުރާ މިންވަރަށް އަގުކޮށް، ވެރިފިކޭޝަން ޕްރޮސެސްއެއް ނިންމާ އިންވެސްޓްމަންޓްތަކެވެ.