ތ. ތިމަރަފުށީ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ބިދޭސީ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 28 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

މި ހާދިސާގައި އޭނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ތ. ވޭމަންޑޫގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ފުލުހުން ބުނީ ލޯންޗުގައި ރޯވި އަލިފާން މިހާރު އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.