އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން، އާސެނަލް ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލައިފިއެވެ. މި މެޗުން ސިޓީ މޮޅުވީ 5-0 އިންނެވެ.

މިއީ މި ފަހަރުގެ ސީޒަނުގައި ލީގުގައި އާސެނަލް ބަލިވި ތިންވަނަ މެޗެވެ. އަދި މިއީ މިދިޔަ 67 އަހަރުގެ ތެރޭގައި ލީގު ސީޒަނެއްގެ ފުރަތަމަ ތިން މެޗުން އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.

އާސެނަލް ކުޅުނު ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑް އަތުން ރަށުން ބޭރުގައި 2-0 އިން ބަލިވިއިރު، ދެން ކުޅެވުނު ލަންޑަން ޑާބީގައި އަމިއްލަ ދަނޑުގައި ޗެލްސީ އަތުން ބަލިވީ ވެސް ހަމަ މި ނަތީޖާއިންނެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ ހަތްވަނަ މިނެޓުގައި ޖަރުމަނުގެ މިޑްފީލްޑަރު އިލްކާއި ގުންޑޮގާން ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގައި ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ގުންޑޮގާން މިލަނޑުޖެހީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި އޭގެ ފަސް މިނެޓުފަހުން، ސްޕެއިނުގެ ވިންގާ ފެރާން ޓޮރޭޒް ވަނީ ސިޓީ އަށް ދެލަނޑުގެ ލީޑެއް ނަގައިދީފައެވެ.

އާސެނަލަށް މި ހާފުގައި ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ސިޓީގެ ކީޕަރު އެޑަސަން މޮރައެސް އަށް ހެދުނު ގޯހަކުން ޖައްސާލި ބޯޅަ ދިޔައީ އެމީލް ސްމިތު ރޯވް ފައިގައި ޖެހިފައި ދަނޑިކައިރިން ބޭރަށެވެ. އެ ޓީމުން ސިޓީގެ އެޓޭކްތައް ހުއްޓުވައި މެޗުގެ ތެރެއަށް ވަނުމަށް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ 35 ވަނަ މިނެޓުގައި ސްވިޒަލެންޑްގެ މިޑްފީލްޑަރު ގްރޭނިޓް ޒާކާ އަށް ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލުމުންނެވެ. ޒާކާ އަށް ރެފްރީ ރަތް ކާޑު ދެއްކީ ސިޓީގެ ފުލްބެކް ޔާއޯ ކަންސޭލޯ އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރީން ސިޓީން ވަނީ އިތުރު ގޯލެއްޖަހައި ދެ ޓީމުގެ ފަރަގު ބޮޑުކޮށްފައެވެ. މި ހާފު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިޓީ އަށް މިލަނޑުޖަހައިދިނީ ޖެސޫސް އެވެ. މިއީ މި ފަހަރުގެ ސީޒަނަށް ބޮޑު އަގުގައި އެ ޓީމަށް ބަދަލުވި އިނގިރޭސި މިޑްފީލްޑަރު ޖެކް ގްރީލިޝް ދިން ބޯޅައަކުން ޖެސޫސް ޖެހި ގޯލެކެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކާމިޔާބުކޮށްދިނީ ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީ އެވެ. މެޗުގެ 53 ވަނަ މިނެޓުގައި ޓޮރޭޒް ދިން ބޯޅައަކުން ރޮޑްރީ މި ލަނޑުޖެހީ ގޯލާއި 25 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި އޭގެފަހުން، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފަސްވަނަ ލަނޑުޖަހައިދިނީ ޓޮރޭޒް އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް ނަގައިދިން ހުރަހަކުން ޓޮރޭޒް ކާމިޔާބުކުރިި ގޯލެކެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ބްރައިޓަން އަތުން ރަށުން ބޭރުގައި 2-0 އިން އެވަޓަން މޮޅުވިއިރު، ލެސްޓާ ސިޓީން ވަނީ ނޯވިޗްގެ ދަނޑުގައި 2-1 އިން މޮޅުވެފައެވެ. ވެސްޓް ހޭމް ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން 2-2 އިން ދެ ޓީމު އެއްވަރުވިއިރު، ނިއުކާސަލް ޔުނައިޓެޑާ ސައުތެމްޓަން ބައްދަލުކުރި މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ. އެސްޓަން ވިލާގެ ދަނޑުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.