އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގެ ދެވަނަ ހާފުގައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޗެލްސީއާ 1-1 އިން ލިވަޕޫލް އެއްވަރުވެއްޖެއެވެ.
މިއީ ލީގުގައި މި ދެ ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއްވަރުވެގެން ނިމުނު ފުރަތަމަ މެޗެވެ. އޭގެތެރެއިން ހަތަރު މެޗުން ލިވަޕޫލް މޮޅުވިއިރު، ޗެލްސީ މޮޅުވީ އެންމެ މެޗަކުންނެވެ. އެއީ މި ދެ ޓީމު އެންމެ ފަހުން މިދިޔަ ސީޒަނުގެ ލީގުގައި އެންފީލްޑްގައި ކުޅުނު މެޗުންނެވެ. އެ މެޗުން ޗެލްސީ މޮޅުވީ 1-0 އިންނެވެ.
އެންފީލްޑްގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް ޗެލްސީންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ކާއީ ހަވާޓްޒް އެވެ. ހަވާޓްޒް މި ލަނޑުޖެހީ އިނގިރޭސި ފުލްބެކް ރީސް ޖޭމްސް ނަގައިދިން ކޯނަރަކުންނެވެ.
އެކަމަކު، މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ބޯޅައެއް ގޯލް ރޮނގުމަތިން ޗެލްސީގެ ޖޭމްސް އަތުން ސަލާމަތްކުރުމުން ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު ޖޭމްސް އަށް ރަތް ކާޑު ދެއްކުމަށްފަހު ލިވަޕޫލަށް ޕެނަލްޓީއެއް ދީފައެވެ. ލިވަޕޫލަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ. މިއީ ލީގުގައި ލިވަޕޫލަށް އޭނާ ޖަހައިދިން 99 ވަނަ ގޯލެވެ.
ދެވަނަ ހާފުގައި ލިވަޕޫލް މޮޅުކޮށްދިނުމަށް ނެދަލެންޑްސްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް އާއި ފަބީނިއޯގެ އިތުރުން އެންޑީ ރޮބަޓްސަން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މުޅި މެޗުގައި ގިނަ ސޭވްތަކެއްކޮށް މޮޅުކުޅުމެއްދެއްކި ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އެވެ. މި ހާފުގައި ޗެލްސީ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެނަލްޓީއޭރިޔާތެރެއިން ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެއްފަހަރުން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މަޓިޕް ބްލޮކްކުރިއެވެ.
ލީގުގައި ލިވަޕޫލަށް ދެން އޮތީ ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ރަށުން ބޭރުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ އެއް ދުވަސްކުރީން ޗެލްސީގެ ދަނޑުގައި އެ ޓީމު ނިކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.
މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ވުލްވްސްއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނިކުންނައިރު ޓޮޓެންހަމް ހޮޓްސްޕާ ނިކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ. މިއަދުގެ އަނެއް މެޗުގައި ބައްދަލުކުރާނީ ބާންލީއާ ލީޑްސް އެވެ.
